އަބްދުއްރަހްމާނުގެ މަރު: މިހާތަނަށް މީހަކު ހައްޔަރެއް ނުކުރޭ، ހަތިޔާރެއް ވެސް އަދި ނުފެނޭ

Jul 13, 2025, 2:21 PM
އަބްދުއްރަހްމާން ދިރިއުޅުނު ގޭގެ ފޮޓޯއެއް: އޭނާގެ ގާތިލު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އަބްދުއްރަހްމާން ދިރިއުޅުނު ގޭގެ ފޮޓޯއެއް: އޭނާގެ ގާތިލު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހްމާން އާދަމް، 65، ގެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އަބްދުއްރަހްމާން މަރުވީ އޭނާ ނިދާފައި އޮއްވައި، ގޮތް ނޭނގޭ މީހަކު އޭނާގެ ބޮލަށް ދިން އަނިޔާވެރި ހަމަލާގެ ސަބަބުންނެވެ. އަބްދުއްރަހްމާން މަރުވީ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެނިކޮށެވެ. އޭނާގެ ބޮލުގެ ދެތިން ތަނަކަށް ހަމަލާދީފައި ހުރި ކަމަށް ބެލެވެ އެވެ.

މާޅޮހުގައި ހުރި އަދަދު ގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ބުނީ، އެ ރަށުގައި ފުލުހުންގެ ފޮރެންސިން އަދި ތަހުގީގީ ހާއްސަ ޓީމެއް ހަރަކާތްތެރިވަމުންދިޔަ ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި އަބްދުއްރަހްމާން މަރާލަން ބޭނުން ކުރި ހަތިޔާރު ފެނުނު ކަމަށް ނުބެލެވޭ ކަމަށް ވެސް ޝަހުޒާން ބުންޏެވެ.

"މިހާތަނަށް މި ރަށުން މީހަކު ހައްޔަރެއް ނުކުރޭ. ފުލުހުން ދަނީ ރަށުގެ އެކި ސަރަހައްދުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުން. މާހިޔާ [އަބްދުއްރަހްމާނުގެ ގެ] ކައިރި ސަރަހައްދު އޮތީ އެއްކޮށް ބަންދުކޮށްފަ. ހަތިޔާރު ފެނުނު ކަމަށް ވެސް އަދި ނުބެލެވޭ،" ޝަހުޒާން ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން އަދި ފުލުހުންގެ ރަސްމީ ބަހެއް ނުލިބެ އެވެ. ނަމަވެސް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އަބްދުއްރަހްމާނުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމަށް މިއަދުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފަ އެވެ. އަދި ތަހުގީގުގެ ބޭނުމަށް، ރަށަށް އަރައިފައިބާ މީހުން މޮނީޓާ ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާބާދީގައި ގާތްގަނޑަކަށް 500 އުޅޭ މާޅޮހަކީ ކުށް ކުރުން މަދު، އަމާން ރަށެއް ކަމަށް އެ ރަށު މީހުންނާ ހަވާލާދީ މި ނޫހުގެ ނޫސްވެރިޔާ ބުންޏެވެ. އެރަށުގެ ގެތައް ރޭގަނޑު ވެސް އާންމުކޮށް ތަޅުނުލާ ކަމަށް ރަށު މީހުން ބުނެ އެވެ. އެހެންވެ، ރޭ ދަންވަރު ހިނގައިދިޔަ އަނިޔާވެރި ގަތުލުގެ ސަބަބުން މުޅި ރަށަށް ޝޮކެއް ލިބިފައިވާ ކަމަށް މި ނޫހުގެ ނޫސްވެރިޔާ ބުންޏެވެ.

އަބްދުއްރަހްމާން ދިރިއުޅުނު މާހިޔާގައި އުޅުނީ އޭނާ އާއި އޭނާގެ އަނބިމީހާ އެކަންޏެވެ. އެ ގެ ހުންނަނީ ރަށުގެ ދެކުނު ފަރާތުގަ އެވެ. އެއީ އެއްގޮތަކަށް ވެސް ތަޅުލެވޭ ގެއެއް ނޫން ކަމަށް އެ ރަށު މީހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox