ރޯމް (މެއި 13) - ދުނިޔޭގެ އެއް ވަނަ ޓެނިސް ތަަރި، އިޓަލީގެ ޖަނިކް ސިނާ، މަނާބޭހަށް ޕޮޒިޓިވްވި މައްސަލައިގައި އައި ތިން މަހުގެ ސަސްޕެންޝަނަށް ފަހު، ކުޅުމަށް އެނބުރި އައިސް އިޓާލިއަން އޯޕަން މުބާރާތުގައި ކުޅުނު ދެ މެޗުގައި ވެސް ތަފާތު ދައްކައިފި އެވެ.
ސިނާ، 23، މަނާބޭހަށް ޕޮޒިޓިވްވުމުން، އެކަމަށް އިންޓަނޭޝަނަލް ޓެނިސް އިންޓަގްރިޓީ އެޖެންސީ (އައިޓީއައިއޭ) އިން އެކުލަވާލި ޕެނަލުން ނިންމާފައިވަނީ، ގަސްދުގައި ކުރި ކަމެއް ކަމަށްވާތީވެ، ސިނާ ސަސްޕެންޑް ކުރެވެން ނެތް ކަމަށެވެ.
އެކަމަކު، ފަހުން ވާޑާ އިން އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅައި، ސިނާ ދެ އަހަރަށް ސަސްޕެންޑް ކުރަން އެދުނެވެ. ކާސްގައި މި މައްސަލަ ތާވަލުކުރި ފަހުން، ސިނާ ވަނީ، ވާޑާއާ އެކު، އެއްބަސްވުމެއް ހަދައި، ކުށަށް އިއުތިރާފްވެފަ އެވެ. އެ ހުރިހާ ކަމަކަށް ބަލައި، ވާޑާ އިން ނިންމީ، ސިނާ ތިން މަހަށް ސަސްޕެންޑް ކުރުމަށެވެ. އެއީ، ސިނާގެ ސާމްޕަލުން މަނާބޭސް ފެނުނީ އޭނާ އަށް ފަރުވާ ދިނުމުގައި، ފިޒިއޯތެރަޕިސްޓު ބޭނުންކުރި ބޭހެއްގެ ސަަބަބުން ކަމަށް ވާޑާ އިން ހޯދި ހޯދުމުން އެނގިފައިވާތީ އެވެ.
ސިނާ އަށް ދީފައިވާ ސަސްޕެންޝަން ހަމަވީ މި މަހު ފަސް ވަނަ ދުވަހު އެވެ.
އިޓާލިއަން އޯޕަންގައި ސިނާ ކުޅުނު ފުރަތަަމަ މެޗުގައި، ހޮނިހިރު ދުވަހު، އާޖެންޓީނާގެ މަރިއާނޯ ނަވޯން އަތުން މޮޅުވީ، 6-3، 6-4 އިންނެވެ. އަދި، އިއްޔެ، ނެދަލެންޑްސްގެ ޖެސްޕާ ޑި ޔޯން އަތުން ސިނާ ވަނީ 6-4، 6-2 އިން މޮޅުވެފަ އެވެ. ކުޅުމަށް އެނބުރި އައިސް ކުޅުނު ދެ މެޗުން ވެސް ސިނާ މޮޅުވެފައި މި ވަނީ ސެޓެއް ވެސް ނުގެއްލި އެވެ.
އިޓާލިއަން އޯޕަންގެ ގަދަ 16 ބުރުގައި، ސިނާ ނުކުންނަން ޖެހެނީ އާޖެންޓީނާގެ ފްރާންސިސްކޯ ސެރުންޑޯލޯއާ ދެކޮޅަށެވެ.












