ޖައިޕޫރު، އިންޑިއާ (އޭޕްރީލް 29) - ސާދަ އަހަރުގެ ވޭބަވް ސޫރްޔަވަންޝީގެ ސެންޗަރީއާ އެކު، އަށް ވިކެޓުން ގުޖުރާތު ޓައިޓަންސް ބަލިކޮށް، ރާޖަސްތާން ރޯޔަލްސް އިން މުހިންމު މޮޅެއް ހޯދައިފި އެވެ.
މި މެޗުގައި ހެދި ސައްތައާ އެކު، ވޭބަވް އަކީ ޓީ20 ކްރިކެޓުގައި، ސެންޗަރީއެއް ހެދި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.
މީގެ އިތުުރުން، މި ސެންޗަރީއާ އެކު، ވޭބަވް ވަނީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ދެ ރެކޯޑެއް މުގުރާލައިފަ އެވެ. މީގެ ކުރިން، ވޭބަވް ވަނީ އައިޕީއެލްގައި ކުޅުނު އެންމެ އުމުރުން ހަގު ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފަ އެވެ. އަދި، ރޭގެ މެޗުގައި، 38 ބޯޅައިން 101 ލަނޑު ހަދައި، ވޭބަވް ވެފައިވަނީ، އައިޕީއެލްގައި ސެންޗަރީ ހެދި އެންމެ އުމުރުން ހަގު ކުޅުންތެރިޔާގެ ރެކޯޑާއި އެންމެ މަދު ބޯޅައިން އައިޕީއެލްގައި ސައްތައެއް ހެދި އިންޑިއާގެ ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފަ އެވެ.
އައިޕީއެލްގެ ތިން މެޗެއްގައި މިހާތަނަށް ކުޅުނު ވޭބަވް ވަނީ 151 ލަނޑު ހަދައިފަ އެވެ. މިދިޔަ މަހު 14 އަހަރު ފުރުނު، ވޭބަވް ގަންނަން ރާޖަސްތާނުން މިދިޔަ އަހަރުގެ އައިޕީއެލްގެ އޯކްޝަނުގައި، 140،000 ޑޮލަރު ހޭދަކުރި އެވެ. އިންޑިއާގެ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅޭ ވޭބަވް ވަނީ އިންޑިއާގެ މަޝްހޫރު ކްރިކެޓް މުބާރާތް، ރަންޖީ ޓްރޮފީގައި، ބިހާރުގެ ޓީމަށް ކުޅެފަ އެވެ.
އައިޕީއެލްގައި ރޭ ގުޖުރާތު އަތުން މޮޅުވެ، ރާޖަސްތާނުން މި ވަނީ އެ ޓީމުގެ ބަލިވުމުގެ ސިލްސިލާ އަށް ނިމުމެއް ގެނެސްފަ އެވެ. ދިހަ ޓީމު ވާދަކުރާ އައިޕީއެލްގައި، ރާޖަސްތާން އޮތީ އަށް ވަނައިގަ އެވެ.
ރޭގެ މެޗުގައި ޓޮސް ދިމާވެ، ރާޖަސްތާނުން ހޮވަން އެރިއިރު، ގުޖުރާތުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވިއިރު، ހެދުނީ 209 ލަނޑެވެ. މި އިނިންސްގައި، ގުޖުރާތުގެ ކެޕްޓަން، ޝުބްމަން ގިލް ވަނީ 50 ބޯޅައިން 84 ލަނޑު ހަދައިފަ އެވެ. އެ ޓީމުގެ ޖޯޝް ބަޓްލާ ވަނީ 26 ބޯޅައިން 50 ލަނޑު ހަދައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ރާޖަސްތާނުން ވަނީ، 15.2 އޯވަރުގެ ތެރޭގައި، ދެ ކުޅުންތެރިން ނުބައިވިއިރު، 212 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. ވޭބަވްގެ އިތުރުން، އޭނާއާ އެކު، އޯޕަނިން ބެޓްސްމަނަކަށް އެރި، ޔަޝަޝްވީ ޖޭސްވާލް ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެެވެ. ނުބައިނުވެ، މި އިނިންގްސް ނިންމާލި ޔަޝަޝްވީ ވަނީ، 40 ބޯޅައިން 70 ލަނޑު ހަދައިފަ އެވެ.
މި މެޗުން ބަލިވުމުން، ގުޖުރާތަށް ތާވަލުގެ އެއް ވަނައިގައި އޮތް ރޯޔަލް ޗެލެންޖާސް ބެންގަލޫރާ ހަމަކުރަން ލިބުނު ފުރުސަތު ގެއްލި ތިން ވަނަ އަށް ވެއްޓުނީ އެވެ. އެއް ވަނައިގައި އޮތް ބެންގަލޫރަށް 10 މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މުމްބާއި އިންޑިއަންސް އާއި ތިން ވަނައިގައި އޮތް ގުޖުރާތު އަދި ހަތަރެއްގައި އޮތް ދިއްލީ ކެޕިޓަލްސް އަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. މުމްބައި އިން 10 މެޗު ކުޅުނުއިރު، ގުޖުރާތާއި ދިއްލީން ވަނީ ނުވަ މެޗު ކުޅެފަ އެވެ.












