ޕަންޖާބް، އިންޑިއާ (އޭޕްރީލް 9) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ޕްރިޔާންޝް އާރްޔާގެ ސައްތައާ އެކު ޕަންޖާބު ކިންގްސް އިން 18 ލަނޑުން ޗެންނާއި ސުޕަ ކިންގްސް އަތުން މޮޅުވެއްޖެ އެވެ.
މިއީ، 24 އަހަރުގެ ޕްރިޔާންޝް، އައިޕީއެލްގައި ކުޅުނު ހަތަރު ވަނަ މެޗެވެ. އޭނާ ވަނީ މި މެޗުގައި، ކުޅެން އަރައި، 42 ބޯޅައިން 103 ލަނޑު ހަދައިފަ އެވެ. އޭނާ ސެންޗަރީ ހަމަކުރީ، 39 ބޯޅައިންނެވެ. ހަޔަކަށް ނުވަ ބޯޅަ ޖެހިިއިރު، ހަތަރަކަށް ވަނީ ހަތް ބޯޅަ ޖަހައިފަ އެވެ.
ޓޮސް ދިމާވުމުން، ޕަންޖާބުން ކުޅެން އަރައި، ޕްރިޔާންޝްގެ ސައްތައާ އެކު، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 219 ލަނޑު ހަދައިފަ އެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިއަކީ، 36 ބޯޅައިން 52 ލަނޑު ހެދި، ޝަޝަންކް ސިންގް އެވެ.
މި އިނިންގްސްގައި ޗެންނާއިގެ ހަލީލް އަހުމަދު އާއި ރަވިޗަންދުރަން އަޝްވިން ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ޗެންނާއި އަށް 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 201 ލަނޑެވެ. ޗެންނާއި ޓީމުން އެންމެ ރަނގަޅު ސްކޯއެއް ހެދީ، 39 ބޯޅައިން 69 ލަނޑު ހެދި ޑެވޯން ކޮންވޭ އެވެ. އެ ޓީމުގެ ޝިވަމް ދޫބޭ ވަނީ 27 ބޯޅައިން 42 ލަނޑު ހަދައިފަ އެވެ. މަހިންދުރަ ސިންގް ދޯނީ ކުޅެން އަރައި، ނުބައިވީ 12 ބޯޅައިން 27 ލަނޑު ހަދާފައި ވަނިކޮށެވެ.
މި އިނިންގްސްގައި، ޕަންޖާބުގެ ލޮކީ ފާގަސަން ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
އައިޕީއެލްގެ ތާވަލަށް ބަލާއިރު، ފަސް ޓީމަކަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެެވެ. އެއް ވަނައިގައި އޮތް ދިއްލީ ކެޕިޓަލްސް، ދެ ވަނައިގައި އޮތް ގުޖުރާތު ޓައިޓަންސް، ތިން ވަނައިގައި އޮތް ރޯޔަލް ޗެލެންޖާސް ބެންގަލޫރު، ހަތަރެއްގައި އޮތް ޕަންޖާބު ކިންގްސް އަދި ފަސް ވަނައިގައި އޮތް ލަކްނައު ސުޕަ ޖަޔަންޓްސް އަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.












