މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު، ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް މިނިސްޓަރު ޑރ. އިއާން ބޯގްއާ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިއްޔެ ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުމުގައި ދެ މިނިސްޓަރުން ވެސް ވަނީ ރާއްޖެ އާއި މޯލްޓާއަކީ އެއްގޮތް ކަންތައްތަކެއް ހުރި ދެ ގައުމުކަން ފާހަގަކުރައްވައިފަ އެވެ.
ހަލީލްގެ ދަތުރުފުޅަކީ ދެ ގައުމުގެ އޮތް ގުޅުން އިތުރަށް ބަދަހިކުރަން އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.
ވިޔަފާރީގެ އާ ފުރުސަތުތައް އިތުރު ކުރުމަށާއި، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް މަސައްކަތް ކުރުމަށް ދެ ވަޒީރުން އެއްބަސްވެވަޑައިގެން، ފަތުރުވެރިކަމާއި މަސްވެރިކަމާއި މަތީ ތައުލީމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި އެވެ.
މީގެ އިތުރުން އެ ބައްދަލުކުރެއްވުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން ތިމާވެށީގެ ކަންކަން ދެމެހެއްޓިނިވި ގޮތެއްގައި ކުރުމުގެ މައްޗަށް ވެސް ދެ މިނިސްޓަރުން އަލިއަޅުވައިލެއްވި އެވެ.

މޯލްޓާއަށް ހަލީލް ކުރައްވާ ރަސްމީ ދަތުރުގައި ސެކްރެޓަރީ، ޑރ. ހަލާ ހަމީދު އާއި ސީނިއާ އަންޑާ ސެކްރެޓަރީ، ޑރ. ހަސަން ހުސެއިން ޝިހާބު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.












