ފައިސާ ޗާޕްކޮށްފާނެކަން ދޭހަވާ ގޮތަށް އެއްވެސް ވާހަކައެއް ނުދައްކަން މެންބަރުންނަށް ރައީސް އަންގައިފި

ފެބްރުއަރީ 6، 2024 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ފެބްރުއަރީ 6، 2024 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ފައިސާ ޗާޕްކޮށްފާނެކަން ދޭހަވާ ގޮތަށް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ވާހަކަ ނުދެއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

އެމްއެމްއޭގެ ގާނޫނާ ފުށުއަރާ ގޮތަށް ހުޅުމާލޭއިން 22 ހެކްޓަރުގެ ބިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ގަންނަން އެމްއެމްއޭގެ ބޯޑުން ވަނީ ނިންމައިފަ އެވެ. އެ ނިންމުން އެމްއެމްއޭއިން ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް، އެ މުއާމަލާތް ހިންގުމަށް ގަވަރުނަރުގެ ވޯޓާއެކު ނިންމާފައިވާކަން މަސްދަރުތަކުން ކަށަވަރުކޮށްދެ އެވެ.

މިއީ އެޗްޑީސީ ނިވާ ފަތްގަނޑަކަށް ހެދުމަށް ފަހު، ސަރުކާރަށް ފައިސާ ދިނުމުގެ ރޭވުމުމެއް މާލީ އަދި އިގުތިސޯދީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ. މިގޮތަށް ފައިސާ ދިނުމަކީ ޗާޕްކުރުމެވެ.

ފައިސާ ޗާޕުކުރުމުގެ މާނައަކީ މަރުކަޒީ ސަރުކާރުން ދިގު މުއްދަތަކަށް ފައިސާގެ ސަޕްލައި އިތުރުކުރުމެވެ. އިގުތިސާދުގެ ތެރޭގައި ދައުރުނުވާ ފައިސާއެއް އިގުތިސާދުގެ ތެރެއަށް ވެއްދުމެވެ.

އެމްއެމްއޭގެ ބޯޑުގެ ނިންމުމަކީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ބުނަމުން ދަނިކޮށް އަންގާރަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވަނީ ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ނާޒިމު އެހެން ވިދާޅުވެފައި ވަނިކޮށް، ޕީއެންސީގެ މަޖިލީސް މެންބަރުންގެ ވަޓްސްއެޕް ގްރޫޕުގައި އިއްޔެ ރައީސް މުއިއްޒު ދެ މެސެޖެއް ލިޔުއްވި އެވެ.

ފުރަތަމަ މެސެޖުގައި ވިދާޅުވީ ފައިސާ ޗާޕު ނުކުރާނެ ކަމަށާއި ފައިސާ ޗާޕުކުރަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ އެއްވެސް ހެވެއް އެދިގެން ނޫން ކަމަށެވެ.

"މި ސަރުކާރުން ފައިސާ ޗާޕެއް ނުކުރާނެ. އިދިކޮޅު ފަރާތްތަކުން އެ އުޅެނީ އެއްވެސް ހެވެއް އެދިގެނެއް ނޫން. އަޅުގަނޑުމެން މިކުރާ މަސައްކަތުން މި ގައުމުގެ އިގުތިސޯދު ހަމަ މަގަށް އަޅުވައި ރައްޔިތުންނަށް މުއްސަނދިކަމާއި އުފާ ފާގަތިކަން ގެނެސްދޭނެކަން ސާފުކޮށް އެނގޭތީ އެކަމަށް ހުރަސް އަޅަނީ،" ރައީސް މުއިއްޒު ލިޔުއްވި އެވެ.

އަދަދު ނޫހަށް ލިބިފައިވާ ރައީސް ލިޔުއްވި ދެ ވަނަ މެސެޖުގައި ވިދާޅުވެފައި ވަނީ "މިހެން އަޅުގަނޑު ދަންނަވާފައި އޮއްވާ ފައިސާ ޗާޕްކޮށްފާނެ ކަމަށް ދޭހަވާ ގޮތަށް އެއްވެސް އެމްޕީއަކު އެއްވެސް އެއްޗެއް ވިދާޅުނުވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް" ކަމަށެވެ.

މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އަދި ފަހުވެސް ތަކުރާރުކޮށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި އަށް ބިލިއަން ރުފިޔާ ޗާޕުކުރީ ކޮވިޑުގެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ބަންދުވެ، އިގުތިސޯދު ވެއްޓުމުންނެވެ.

އެ ހާލަތުގައި ވެސް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާ އެއްގޮތަށް ފައިސާ ޗާޕުކުރީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ހުރިހާ މައުލޫމާތެއް މަޖިލީހަށް ހިއްސާކުރުމަށް ފަހު އެވެ.

މިފަހަރު ބިން ގަތުމުގެ ނަމުގައި ފައިސާ ޗާޕުކުރުމުގެ މުއާމަލާތް ކުރަން އެމްއެމްއޭގެ ބޯޑުން ނިންމީ، މަޝްވަރާތަކާއި ދިރާސާތައް އެމްއެމްއޭގެ އެތެރޭގައި ވެސް އެކަށީގެންވާ މިންވަރަށް ނުކޮށް ކަމަށް އަދަދު ނޫހަށް މައުލޫމާތު ދިން ބައެއް މަސްދަރުތަކުން ބުނެފައިވެ އެވެ. އެކަން އެމްއެމްއޭއިން މިހާތަނަށް ގޮތެއް ނުކުރެ އެވެ.

އެމްްއެމްއޭގެ އަމިއްލަ ފައިސާގެ ގޮތުގައި ނެތް ފައިސާ ބޭނުންކޮށްގެން ހުޅުމާލެއިން ބިން ގަތުމަކީ އެ އިދާރާގެ ގާނޫނާ ހިލާފު, އަދި އިގުތިސޯދަށް ނުރައްކާ ބޮޑު ނިންމުމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ.

ގުޅޭ ލިޔުމެއް

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރިން މިނިސްޓަރު އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި.

ވޯޓުލުމުގެ އިންތިޒާމުތައް ދަށްވެ މެންބަރުންގެ ޝަކުވާ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް ދަށްވުމުގެ ސަބަބުން، ވޯޓުލުން ލަސްވުމާއި އޮފިޝަލުންނާއި ވަސީލަތްތައް މަދުވުމުގެ މައްސަލަތައް ކުރިމަތިވެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި. މިކަމާ ގުޅިގެން ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވީ، އިންތިޒާމުތަކަށް ދަތިވީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް.

ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވިގެން ވޯޓު ފޮށްޓެއް ބަންދުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި، މާފަންނު ދެކުނު ދާއިރާގެ ވޯޓުލާ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވުނު މައްސަލައެއްގައި އެ ދާއިރާގެ ވޯޓު ފޮށި ވަނީ ބަންދުކޮށްފައި. މި މައްސަލައާ ގުޅިގެން ކުރީގެ ފޮށި ބަންދުކުރުމަށްފަހު އައު ފޮށްޓެއްގައި ވޯޓުލާން ވަނީ ފަށާފައި.

އެމްޑީޕީ އިންތިހާބުގައި ވޯޓުލުން 09:00 ޖަހަންދެން އިތުރުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ވޯޓުލުމުގެ ވަގުތު މިރޭ 09:00 އާ ހަމައަށް ވަނީ އިތުރުކޮށްފައި. ޖުމްލަ 1،102 މަގާމަކަށް މެންބަރުން އިންތިޚާބުކުރާ މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

ނުރައްކާތެރި "ރަތްމަޑި" އައްޑޫން ފެނިގެން ރުއް ބޭރުކުރުން މަނާ

ރުކުގެ އާއިލާގެ ގަސްތަކަށް ނުރައްކާތެރި ގެއްލުންދޭ "ރަތްމަޑި" އައްޑޫ ސިޓީން ފެނުމާ ގުޅިގެން، އެ ސިޓީން އެހެން ރަށްރަށަށް ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން ވަނީ މަނާކޮށްފައި. މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އިންސެކްޓިސައިޑް ޖެހުމާއި ރުއްތައް ބަލައި ފާސްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފައި.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ 1،102 މަގާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން މިއަދު މެންދުރުފަހު ވަނީ ފަށާފަައި. މި އިންތިޚާބުގައި ޖުމްލަ 1،612 ކެންޑިޑޭޓުން ވާދަކުރާއިރު، މީގެ ތެރޭގައި އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑި ހިމެނޭ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

މަރުގެ އަދަބުން ސަލާމަތްވި ދިވެއްސަކު ނޭޕާލުން ހައްޔަރުކޮށްފި

ލަންކާގައި އިއްވި މަރުގެ ހުކުމުން ދާދިފަހުން ސަލާމަތްވި ދިވެއްސަކު، ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ނޭޕާލުން ހައްޔަރުކުރި. ނޭޕާލް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ކަތަމަންޑޫގެ ހޮޓަލެއްގައި ހުއްޓާ، އެކި ގައުމުތަކުގެ ފައިސާ ފެނުމާ ގުޅިގެން.

Newsletter

Get the latest news delivered straight to your inbox