ރައީސް ޑރ. މުހައްމަދު މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، އެ ކޯޓަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމުގެ ގިނަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް، ދައުލަތް ހިންގަން ތިބި މީހުން ގާނޫނުގެ ވެރިކަމަށް ރުޖޫއަވާން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ގޮވާލައްވައިފި އެވެ.
ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބާތިލު ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ ދެވަނަ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައި، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑް ކުރި އެވެ. އޭގެ ތެރޭގައި ފަނޑިޔާރު އަޒްމިރާލްދާ ހިމެނެ އެވެ.
"ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއްކޮށް، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ދައުލަތުގެ އެކި މުއައްސަސާތަކުން އިޖުރާއަތްތަކެއް ހިންގަމުންދާއިރު އެކަމާ ގުޅިގެން މުއައްސަސާތަކަށް ފަނޑިޔާރު ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން އެއްވެސް މުއައްސަސާއަކުން އެ މުއައްސަސާގެ ގާނޫނީ ޒިންމާ އަދާކޮށްފައި ނުވާތީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއަށް މި މައްސަލަތަކުގައި އިންސާފު ހޯދުމަށް ހުރަސް އެޅިފައިވޭ،" ފަނޑިޔާރުގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އުފަންކުރި މައްސަލައެއްގައި އަޒްމިރާލްދާއަށް ތުހުމަތުކޮށް ޖޭއެސްސީން ސަސްޕެންޑުކޮށްފައިވާއިރު އޭސީސީން ބަލަމުންދާ މައްސަލައިގެ އެއްވެސް މައުލޫމާތެއް އޭނާއާ ހިއްސާކުރަން ދެކޮޅު ހަދާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓަށް ރައީސް މުއިއްޒު ބިރު ދައްކައި ނުފޫޒު ފޯރުވާ ކަމަށް އެ ކޯޓުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ ވިދާޅުވެފަ އެވެ.

އިސްތިއުފާ ދެއްވަމުން ސުއޫދު ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ނިންމުމަށްޓަކައި އެ މަނިކުފާނު ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އަޒްމިރާލްދާއަށް ލިބިވަޑައިގަތީ ޖުލައި 1999، ގަ އެވެ. މާޗު 26، 2011، ގައި ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އަޒްމިރާލްދާ އައްޔަނު ކުރެވުނުއިރު އޭނާއަކީ އެ މަގާމަށް އައްޔަނު ކުރެވުނު ފުރަތަމަ އަންހެން ފަނޑިޔާރެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އޭނާ އައްޔަން ކުރެވުނީ ސެޕްޓެމްބަރު 4، 2019 ގަ އެވެ. އޭނާ އާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވެގެންދިޔައީ ރާއްޖޭގެ އެންމެ މަތީ ކޯޓަށް އައްޔަނު ކުރެވުނު ފުރަތަމަ އަންހެން ފަނޑިޔާރުންނަށެވެ.












