ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑުގެ ޗެއާމަންގެ މަގާމަށް މިދިޔަ ނޮވެމްބަރު މަހު އައްޔަންކުރި އަހުމަދު ނާސިފު، ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) ގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ބަދަލުކޮށްފި އެވެ.
އެކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އާންމުކޮށްފަ އެވެ.
ވެރިކަންކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުނު ނާސިފް އެޗްޑީސީގެ ޗެއާމަނަކަށް މިދިޔަ ނޮވެމްބަރު މަހު އައްޔަންކުރީ އެ ކުންފުނީގެ އެ މަގާމު ހުސްވެފައި އޮންނަތާ ފަސް މަސް ފަހުންނެވެ.
އޭގެ ކުރިން އޭނާ ހުންނެވީ ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަން ގެ މަގާމުގަ އެވެ.
ނާސިފްއަކީ މި ފަހުން އުވާލި ޕީއެންސީގެ ކޯލިޝަން ޕާޓީ ޕީޕީއެމްގެ ސެނެޓަރެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ސަޕޯޓުކުރާ ޗެނަލް 13 ޓީވީގެ މައި ކުންފުނި، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ އެއް ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް އޭނާ ހުންނެވި އެވެ.














