ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައި ކޯޓަށް މައްސަލަ ހުށައަޅުއްވައިފި އެވެ.
މިކަން ހާމަކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބުރާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެ ކޯޓުގައި ތަޅުއެޅުވުން ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ އިއުލާނު ކުރިއަސް، ރައްޔިތުންގެ ހައްގުތައް ގެއްލި، ގާނޫނު އަސާސީގެ ބާރު ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބުރާ މި މައްސަލައިގައި ކޯޓަށް މައްސަލަ ހުށައެޅުއްވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރުމާ ގުޅިގެން ގިނަ ބަޔެއްގެ ކަންބޮޑުވުން އެބަހުއްޓެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފެބްރުއަރީ 26، 2025 ގައި ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނަކީ ހުސްނުއްސުއޫދާއި، މަހާޒު އަލީ އާއި އަޒްމިރަލްދާ ޒާހިރެވެ.
އެ ތިން ފަނޑިޔާރުން ފުރަތަމަ ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެ ފަހުން އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީން ވަނީ ބަލަން ފަށައިފަ އެވެ.

މި ހުރިހާ ކަމެއް ހިނގީ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދޭން ގާނޫނު އަސާސީ ބަދަލުކުރި މައްސަލައިގައި ނެރެން އެދުނު ވަގުތީ އަމުރެއްގެ އަޑުއެހުމަށް ކުޑަތަން ވެފައި ވަނިކޮށެވެ.
ހަމަ އެ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ކުޑަކުރަން ކޯޓުތަކާ ބެހޭ ގާނޫނު ބަދަލުކުރަން ވެސް ފާސްކުރި އެވެ.
މި ބިލް ފާސްކުރަން ޕީއެންސީގެ ގިނަ އަދަދެއްގެ މެންބަރުން ދެކޮޅު ހެއްދެވި ނަމަވެސް، ބިލް ފާސްކުރަން ޕީއެންސީގެ ލީޑަޝިޕުން އެންގުމުން ހިތަދު މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ފިޔަވައި އެހެން ހުރިހާ މެންބަރުން ވޯޓު ދިނެވެ.
އެ ވޯޓު ވެސް މަޖިލީހުގައި ކުރިޔަށް ގެންދިޔައީ، މަޖިލީހުގެ މައިކް ސިސްޓަމް ހަލާކުވެފައިވާ ކަމަށް ހަދައި، އެ މެންބަރަކު ތާއިދުކުރާ ގޮތް އަނގަބަމުން ބުނުވައިގެންނެވެ.
ނަމަވެސް އެ ބިލް އަދި ތަސްދީގެއް ނުކުރެ އެވެ.
ޝަރުއީ ދާއިރާ އަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވައުދެވަޑައިގަތުމަށް ފަހު، އަދުލްއިންސާފު ގާއިމު ކުރަން ހުރަސް އެޅުމަށްޓަކައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމުން، ރައީސް މުއިއްޒު އަކީ ހުދުމުހުތާރު ރައީސްއެއް ކަމަށް މީހުން ބުނަމުން އެބަދެ އެވެ.












