ފޯޅަވަހީގައި ރާއެރި ބޮޑު އަލީގެ ވާހަކަ (ފަހު ބައި)

ފޯޅަވަހީގައި ރާއެރި ބޮޑު އަލީގެ ވާހަކަ (ފަހު ބައި)

ފަހު ބައި

ޖެހިގެން އައި ދުވަހުގެ މެންދުރުފަހެވެ. ރަސްގެފާނުގެ ބޮޑު އައްޔާއި ކުދި ބޭކަލުން ގޮވައިގެން ރަށްގޮނޑުން މަސްވެރިކަމު ވަޑައިގަންނަވައިފި އެވެ. ރަށްގޮނޑުން ގޮނޑުދޮށުގައި މާދުރަށް ފައިންޕުޅު ނާޅުއްވަނީސް ފެނިވަޑައިގެންނެވީ އަލީގެ އަތުގައި އޮތް ލާންދައު އަތަށް ހެޔޮވަރަށް ކަހައި އެއްލި ތަނެވެ. އަލީ އެއްލި ދަލުގައި ސުމާރެއް ނެތްހައި ގިނައިން އެކިވަރުގެ އުނިޔަ ބެދިއްޖެ އެވެ. ކުދި ބޭކަލުންގެ އެހީ އާއި އެކު ބޮޑު އަލީ ލާންދައު ނަގައި އެއްގަމަށް އެރުވިއިރު ވަރަށް ބައިވަރު އުނިޔަ ހިފިއްޖެ އެވެ. އެއިރު ރަސްގެފާނު އިންނެވީ ގޮނޑުދޮށުގައި ބެހެއްޓިފައި ހުރި ތަހުތުކޮޅެއްގައި އިށީނދެވަޑައިގެން ރަށްގޮނޑު މަސްވެރިކަން ބައްލަވާށެވެ. އަލީގެ ލާންދައު މަސްވެރިކަމުގެ މި މަންޒަރުތަކާ މެދު ރަސްގެފާނު އިންނެވީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގެންނެވެ.

އެހެނަސް ރަސްގެފާނުގެ ސިކުނޑިފުޅުގައި އެވަގުތު ހިނގަމުން ދިޔައީ މުޅިން އެހެން ހިިޔާލެކެވެ. އަލީއަށް ކެއްސެއް ދެއްވުމުގެ ހިޔާލުފުޅެވެ. މިހެންކަމުން މި މަންޒަރު ބަލަން އިންނަވާފައި އިސާހިތަކު ރަސްގެފާނު ވިދާޅު ބަސްފުޅެއް އިއްވަވައިފިއެވެ. ވިދާޅުވިއެވެ. "ލާންދަލުން މަސް ނައްޓާ ކުރަން ހުރި ހުރިހާ ކަމެއް ކުރާނީ ކުދި ބޭކަލުންްނެވެ. ތިހިރީ ވަރަށް ބައިވަރު އުނިޔަ ހިފިފަ އެވެ. ވީމާ އެކަމާ ބޮޑު އަލީ އުޅޭނެކަމެއް ނެތެވެ. އަލީ ކުރަންވީ ކަމަކީ ތިމަން މަނިއްޕުޅަށް ފެން މީރު ކުރުނބައެއް ގެނެސްދޭންވީ އެވެ." ރަސްގެފާނު މި ވިދާޅު ބަސްފުޅާ އެކު އާދެ މަ ސާހިބޭ ދަންނަވާފައި ބޮޑު އަލީ އެއްގަމަށް ހިނގައިގަތް ވަގުތާއި ކުދި ބޭކަލުން އާދެ މަސާހިބޭ ދަންނަވާފައި ލާދަނލާއި ދިމާއަށް ހިނގައިގަތް ވަގުތުވީ އެއް ވަގުތަކަށެވެ.

އަލީ އަކީ މިހާރު މާލޭގައި ހުރިނަމަ ހުރި ހުރިހާ ރުކެއްގެ މައުލޫމާތު ސިކުނޑީގައިވާ މީހެއްކަމުން ފެންމީރު ކުރުނބައެއް ހޯދުމީ އައްޔަށް ދަތިކަމެއް ނޫނެވެ. އިސާހިތަކު ކުރުނބާ އަޅާ އޭތި މަށައިގެން ގެނެސް ފެންތަށި ކޮޅަށް އޮއްސާލި އެވެ. އަދި ހެވާތައް މަށާ ކުޑަ ތައްޓަކަށް އަޅާގެން އައިސް އެދެ ތަށި އޮގަރުކަލޭގެ އަތަށް ދީފި އެވެ. ދެން އެކަލޭގެ ރަން ތަބައްކޮޅެއްގައި އެ ބަހައްޓައިގެން ގޮސް ރަސްގެފާނަށް އަރުވައިފި އެވެ. ކުރުނބާ ފެން ހިއްޕަވާ ހެވާ ފަރިއްކުޅުއްވުމަށް ފަހު އަނޑަފި ކޮޅު ހިއްޕަވަމުން ވިދާޅުވި އެވެ. އައްޔާ އެވެ. ދެން އަލީވެސް މިތާ ހޭޅިފަށުގައި އޮށޯވެ އަރާމުކޮށްލާށެވެ. ތިމަން މަނިއްޕުޅު ގަނޑުވަރަށް ވަޑައިގަންނަވާނީ ހަވީރު ފިނި ޖެހުނީމައެވެ. އިހަށް މި ވަޑައިގަންނަވަނީ މިތާ މި ހަރުގެ ތެރެއަށް ކުޑައިކޮށް އަރާމުކޮށްލާށެވެ.

ރަސްގެފާނު މިހެން ވިދާޅުވުމުން އަލީވެސް ވަރުބަލި ފިލުވާލަން ހޭޅިފަށުގައި މަގޫފަތް ފަތުރައިގެން އެމަތީ އޮށޯވެއްޖެ އެވެ. އަލީ އޮތީ ނިދާކަށް ނޫނެވެ. އެހެނަސް ޖެހޭ ނަލަ ވަޔާ އެކު ވެފައި ހުރި ވަރުބަލި ހަށިގަނޑުގެ މައްޗަށް ފޯރާ ނިދިޖެހިއްޖެ އެވެ. މިހާރު މިވީ ރަސްގެފާނު ބޭނުންފުޅުވި ގޮތެވެ. އައްޔަށް ނިދި ޖެހޭތޯ ބަލަން ފާރަވެރިންގެ ދެބޭކަލަކަށް ރަސްގެފާނު އަމުރުފުޅު ކުރައްވާފަވެސް އޮތެވެ. ވިދާޅުވެފައި އޮތީ އައްޔަށް ނިދި ޖެހޭ އިރަށް ލަސްނުވެ އެކަން އެންގުމަށެވެ. މިހެންވެ ބޮޑު އައްޔަށް ހަމަ ނިދި ޖެހުމާއި އެކު ފާރަވެރިންގެ ދެބޭކަލުން އައިސް ހަރުގެ ތެރެއަށް ވަންނަވާ ރަސްގެފާނު އަރިހުގައި އެވާހަކަ ދަންނަވައިފި އެވެ. ދެން ރަސްގެފާނު ކުދިބޭކަލުންގެ ދެ ބޭކަލަކަށް އަމުރުފުޅު ކުރެއްވީ ތީގެ ކޮންމެ ބޭކަލަކު އުނިޔަތަކުގެ ތެރެއިން ކިރު އުނިޔައެއް ހިފައިގެން އަންނާށެވެ. އަދި އައިސް އައްޔަށް ހޭލެވޭ ގޮތަށް އަލީގެ ގަޔަށް ކަށި ޖަހާށެވެ. ތީގެ އެއް ބޭކަލަކު ކަށި ޖަހާންވާނީ އަލީގެ ކުޑަކަޅުވާ މަހަށެވެ. އަނެއް ބޭކަލަކު ކަނދުރާ މަތިން ކަރަށް ޖަހާށެވެ. މި ދެބޭކަލުންވެސް އާދެ މަސާހިބާއޭ ދަންނަވާފާ ހަވާލު ކުރެވުނު މަސައްކަތައިގެން ހަރުގެއިން ނިކުންނަވައިފިއެވެ.

އެ ދެބޭކަލުން އަވަސް އަވަހަށް ދުރުވެ އުނިޔަތަކުން ކިރު އުނިޔައެއް ނަންގަވައިގެން އަލީ ނިދާފައި އޮތް ދިމާއަށް ދުރުވެއްޖެ އެވެ. އަދި ވަރަށް ރަނގަޅަށް ފާރަވެރިވެ ބަލާން ހުރެފައި އަލީގެ ގައިމައްޗަށް ފުންމައިގެންފި އެވެ. ފުންމައިގަތުމާ އަމުރުވެވިފައިވާ ގޮތަށް ކަންކުރުމާ ދިޔައީ އެކުއެކީގަ އެވެ. މި ބޭކަލުން އަލީގެ ގައިމައްޗަށް ފުންމައިގަތީމާ ބޮޑު އައްޔަށް ހޭލެވިއްޖެ އެވެ. ދެން އެބޭކަލުން އަލީ ގާތުގައި ބުނީ މިއީ ރަސްގެފާނު ގަނޑުވަރަށް ވަޑައިގަންނަވަން ބޭނުންފުޅުވެގެން އައްޔަށް ގޮވާށޭ ވިދާޅުވީމާ އަލީ ހޯދަން އައި އިރު، ނިދި ޖެހިފައި އޮތްތަން ފެނިގެން ކޮށްލި ސަމާސާއެއްކަމެވެ. އެމީހުން ފުންމައިގަތް ވަގުތު އަލީގެ ގަޔަށް ކަށި ޖެހިކަމެއް އަލީ ނުދަނެ ހުއްޓެވެ. ކޮންމެއަކަސް އަލީ ތެދުވެގެން ރަސްގެފާނު އަރިހުގައި ގަނޑުވަރަށް ހިނގާއްޖެ އެވެ.

ރަސްގެފާނާ އެއް ސުފުރާ މަތިން ކައިގެން އަލީ ދިޔައީ ގެޔަށެވެ. ގޭގައި ކުރަން ހުރި ކަންތައްކޮށް ނިންމާލުމަށްފަހު ނިދަން އޮށޯވެއްޖެ އެވެ. މިރޭ ނިދާފައި ރާރުކަށް ދާން އަލީ ހޭލިއިރު ކަމަކު ދާކަށް ނެތެވެ. މުޅި މީހާ އޮތީ ވިހަވެފައެވެ. މާބޮޑަށްވެސް ވިހަވެފައެވެ. އެނދަކުން ނުތެދުވެވުނެވެ. މުޅި ގައިގާ ރިއްސަނީ އެވެ. އަލީ ކުކުރާ އަޑަށް ގޭ މީހުން ދޮރުފޮތިގަނޑު ކަހާ ބަލާލި އިރު މީހާ އޮތީ ދުޅަވެފައެވެ. ދެން އެގެއިން މީހަކު ގަނޑުވަރަށް ގޮސް މި ވާހަކަ ދަންނަވައިފި އެވެ.

ރަސްގެފާނުގެ ކަންފަތްޕުޅަށް ބޮޑު އަލީ އޮތީ ވަރަށް ބަލިވެކަމުގެ ހަބަރު އެރުމުން ހިތްޕުޅުގައި އެކަމަށް އުފާ ކުރެއްވި އެވެ. އެހެނަސް މޫނުފުޅުން އެކަމުގެ އެއްވެސް އަސަރެއް ނުދައްކަވަ އެވެ. ވިދާޅު ބަސްފުޅު އިއްވީ ބޮޑު ގަނޑުވަރު ބޮޑު ހަކީމު ގެންނެވުމަށެވެ. ހަކީމު ގެނައުމުން އޭނާގެ ކަންފަތްދޮށުގައި އެއްޗެއް ވިދާޅުވުމަށްފަހު އައްޔަށް ބޭސްކުރަން ފޮނުއްވައިފި އެވެ. ހަކީމު އައްޔަށް ބޭސްކުރަމުން ގޮސް އިރުއޮއްސުނު އިރު ކިރިޔާ ދެލޯ ހުޅުވާލެވޭ ވަރު ވެއްޖެ އެވެ. އައްޔަށް ދެލޯ ހުޅުވާލެވޭ ވަރުވީމާ ހަކީމު ބުނެއްޖެ އެވެ. އައްޔާ އެވެ. ކޮންމެވެސް ސުންޕާ ބަލިމަޑުކަމެއް ތިއޮތީ ޖެހިފައްޔެވެ. މަރަކީވެސް ވެދާނެ އެއްޗެކެވެ. އައްޔަކީ ބޮޑު ޝަހަރެއް ހޯދައިގެން އުޅޭ މީހެއްވިއްޔާއެވެ. އަލީ މަރުވެއްޖެނަމަ އަލީ ހޯދި ޝަހަރަށް ދާނެ ގޮތްވެސް އެ ގެއްލުނީއެވެ. އަހުރެން އެކެއް ގާތުގައިވެސް ނުބުނާނަމެވެ. ނިކަން އެ ޝަހަރަށް ދާނެ ގޮތް ބުނެބަލާށެވެ.

ވޭނާ ތުރާލުގެ ތެރޭގައި އޮތް އައްޔަށް ހަކީމު މި ދައްކާ ވާހަކަ އަޑު އިވެ އެވެ. އަދި މި ޖެހިގެން އުޅޭ ބަލާމުސީބާތަކީ ކިހިނެތް ޖެހިގެން އުޅޭ އެއްޗެއްކަންވެސް މިހާރު އައްޔަށް ވިސްނިއްޖެ އެވެ. އައްޔަށް ވިސްނޭ ގޮތަކީ ރަނގަޅު ގޮތްކަމުގައި ވާނަމަ މި ބަލިން ދެން ގަދަ ނުވާނެކަންވެސް އައްޔަށް ގައިމުވެއްޖެ އެވެ. އެއީ ހިމިތީ ކަންވެރިކަލޭގެ ބުނެފައިވާ ބަސް އޭނާ ހަނދާންވާތީ އެވެ. މިހާރު ކިތަންމެ ރަނގަޅަށްވެސް އައްޔަށް މިއީ ރަސްގެފާނު ދެއްވި ކެއްސެއްކަން ގައިމުވެއްޖެ އެވެ. އެހެނީ ކުރިން ދުވަހެއްގައި ރަސްގެފާނު އަރިހުގައި ހިމިތީ ކަންވެރި ކަލޭގެ ބުނި ވާހަކަ އައްޔަށް ދެންނެވުނުކަމުގެ ހަނދާންވެސް އައުވީމަ އެވެ.

އިރުކޮޅަކުން ދެން އަލީގެ ލޮލުން ފައިބަންފެށީ ހޯސްލައިފާ ކަރުނައެވެ. ހަކީމުު ހީކުރީ އައްޔަށް މި ރޮވެނީ ގައިގާ އަޅާ ވޭނާ ލިބޭ ތުރައުތަކުން ކަމުގައެވެ. އެހެންވެ އޭނާ އަލީ ގާތުގައި ބުންޏެވެ. ހިމިތީ ބޮޑު އަލީ ވަރުގެ ފިރިހެނެއް ނެތްކަމަށް ރަށުގައި އުޅޭ އަންހެން ކުދީން ބުނާ އަޑު މަ އަހައި އުޅެމެވެ. އެކަމަކު ބައްޔެއްވެ ކުޑައިކޮށް ތަދެއްވާ އިރަށް މިހުރީ އަޅައިހާ ކަރުނައެވެ. އަންހެން ކުދީންނަށް މި މަންޒަރު ފެންނާނޭނަމަ ރަނގަޅުތާއެވެ. ފިރިހެންވަންތަކަން ހުރިވަރު އެނގުނީހީ އެއިރަށެވެ. އޭ އައްޔާއެވެ. ތި އަޅާ ވޭނާ ލިބެމުންދާ ނުކުސާން ކުޑަވާނީވެސް މަގޭ ގާތުގައި ފޯޅަވަހި އޮތްތަން ބުނީމާއެވެ. ދެންވެސް އަވަހަށް ބުނެބަލާށެވެ. ހަކީމު މިހެން ހީކުރިކަމުގައި ވިޔަސް ހަގީގަތުގައި އައްޔަށް މި ރޮވުނީ އަޅާ ވޭނަކުން ނޫނެވެ. މަރު ގައިމުވެ އަނބިދަރީން މަތީން ހަނދާންވީއެވެ. ކަނބާދީދި ނުފެންނާނެކަމާ ކުދި ދަރީންކޮޅު ޔަތީމުވީކަން އެނގޭތީއެވެ. އަލީ ޝަހާދަތްކިޔާ ދެލޯ މަރާލިއެވެ.

ހިމިތީ ބޮޑު އައްޔަށް ބޭސްކުރާތާ މިހާރު ދިހަ ދުވަސްވީއެވެ. ކީ ޝަހާދަތަށްފަހު ބޮޑު އަލީގެ އަނގަޔަކުން އެއްވެސް ބަހެއް ނުނިކުމެއެވެ. ލަދެއް ނެތި ކޮންމެ ދުވަހަކު އަލީގެ ގާތުގައި ހަކީމު ފޯޅަވަހީގެ ވާހަކަ ތަކުރާރު ކުރަތެވެ. އެންމެފަހުން އެގާރަ ވަނައަށް އައި ދުވަހުގައި މުޅި ހަށިގަނޑަށް ވިހަ ފެތުރި މީހާ ނޫވެ ހިމިތީ ބޮޑު އަލީގެ ފުރާނަ އޭނާގެ ހަށިގަނޑު ދޫކޮށްފިއެވެ. އެންމެ އިންސާފުވެރި އޯގާވަންތަ ރަސްކަލާނގެ ހަޟުރަތަށް ބޮޑު އަލީ ދިޔައީ އެވެ. ބޮޑު އަލީ މަރުވެއްޖެކަމުގެ ހަބަރު ރަސްގެފާނަށް ލިބިވަޑައިގެންނެވުމާ އެކު އެކަމާ ނުހަނު ހިތާމަފުޅު ކުރެއްވި އެވެ. އަދި ވިދާޅުވި އެވެ. ގެއްލި އެ ދިޔައީ ހާދަހާވާ މޮޅު މީހެކެވެ. މޮޅު ނެއްވެކެވެ. ނިޔަންމެކެވެ. މުޢައްލިމެކެވެ. ރާވެރިއެކެވެ. ފަންނުވެރިއެކެވެ. މޫސުމީ މާހިރެކެވެ. މޮޅު ކެޔޮޅެކެވެ. ކުރާނީ ކީއް ހެއްޔެވެ. މީހެއްގެ މަރެއްގައި ނުހިފެހެއްޓޭނެތާ އެވެ.

ބޮޑު އަލީ ވަޅުލުމުގެ ކަންތަކާ ދޮށުންގެ ހަވާލު ކުރެއްވި އެވެ. ސަންދޯއް ޖަހާނެ ފިލަ އާއި ކަފުން ފޮނުވީ ގަނޑުވަރުންނެވެ. ބޮޑު އަލީގެ މޫނު ދެކޭން މުޅި މާލޭގެ ރައްޔިތުންނާ ފަޅު އޮޑިފަހަރުގެ މީހުން ދިޔަ އެވެ. ރަސްގެފާނުވެސް ފައިންޕުޅު އެޅުއްވިއެވެ. އަލީގެ މައްޗަށް ކަށު ނަމާދުލޮށް ފަނޑިޔާރު މިސްކިތުގައި ވަޅުލައިފި އެވެ. މަހާނަދޮށުގައި ހަތްސާއިރު ކިޔެވުމަށްފަހު ކިޔެވެނީން ގަނޑުވަރަށް ދުރުވުމުން ސާޅީހަށް ކިޔެވުމުގެ ކަންކަން ގަނޑުވަރުގައި ހަމަޖައްސައިދެއްވި އެވެ. ހަމަ އެއާއި އެކު ބޮޑު އަލީ މަރުވެއްޖެކަމުގެ ޚަބަރާ ރަސްގެފާނުގެ ތައުޒިޔާގެ ފަތްކޮޅަކާއި އެކު ކުދި ބޭކަލުންގެ ދެބޭކަލުން ހިމިއްޗަށްވެސް ފޮނުއްވައިފި އެވެ. ބޮޑު އަލީ މަރުވިތާ 40 ވަނައަށްވީ ދުވަހު މަހާނައިގައި ގައު ޖަހާ ބިސްތާނަ ރާނައި ނިންމާފައި އައިސް ރަސްގެފާނަށް ދެންނެވުމުން ދެން ފަތްލިޔާ މަނިކުފާނު ހާޒިރު ކުރުމަށް އެންގެވި އެވެ.

ފަތްލިޔާކަލޭގެ ހާޒިރުވުމުން ވިދާޅުބަސްފުޅު އިއްވަވައިފި އެވެ. ހިމިތީ ބޮޑު އަލީ މަރުވެ އަދަކީ ސާޅީސްވީ ދުވަހެވެ. އޭނާ މަރުވީ އޭނާ ހޯދި ފޯޅަވައްސޭ ކީ ޝަހަރު އޮތްތަނެއް ބުނެނުދީ އޮއްވައެވެ. މަރުމަތީގައިވެސް އެ ޝަހަރު އޮތްތަނެއްގެ ޚަބަރު ސާފުވޭތޯ ތިމަން މަނިއްޕުޅު މަސައްކަތް ކުރެއްވީމެވެ. އެކަމެއް ސާފުވާގޮތެއް ނުވިއެވެ. އެހެނަސް ބޮޑު އަލީ ހޯދި ޝަހަރަކީ ތިމަން މަނިއްޕުޅުގެ ޝަހަރެކެވެ. އައްޔަށް އޮތް ގަދަރަކަށްޓަކައި ތިމަން މަނިއްޕުޅު އެކަން އެއިރު ބޭއްވެވީ އެވެ. މިހާރު އައްޔެއްނެތެވެ. ވީމާ ފޯޅަވައްސަކީ ތިމަން މަނިއްޕުޅުގެ ޝަހަރެއްކަމުގައި އިއުލާން ކުރާށެވެ.

ދެން ފަތްލިޔާކަލޭގެ ގޮސް ފަތް ލިޔެއްޖެއެވެ.

"ސްވަސްތީ ސްރީ މަތަމަހާ ސްރީ ކައްތިރިބަވަނަ މަހާރަދުން މި ދިވެހިރާއްޖޭ ސަރުސަނަރާދަ ބައުދިނަ އާނާންދަކޮށު. ކައްތިރި ބަވަނަ އަންބަރައިރަ ސަރިދާލޭސް މަތީ އުއްތަރަ އާނާންދަވެ ވޮޑިގެނިދެ ފުރަކީރިތި ރެދަލި ކުރަނަ ހަތަރުވަނަ އަވެރުދު ހުބަހިރިޔާ ސުއްދައިން ވިދާޅީން: މަގޭ ވޮނަދަނަ ރާއްޖޭ އެންމެ އަޅުތަކުންނަށް ވިދާޅުފަތެއް. ނިލަންދެ އަތޮޅު ހިމިތީ ބޮޑުއަލީ ހޮވި ހޯޅަވައްސޭ ކިޔުނު ޝަހަރުގެ ވާހަކަ ތިބާ އަޅުތަކުން އަހައި އުޅޭނޫއެވެ. އެ ހިމިތީ ބޮޑު އަލީ ހޮވި ހޯޅަވައްސޭ ކިޔުނު ޝަހަރަކީ ތިމަން މަނިއްޕުޅަށް މިލްކުވެ އޮތް ޝަހަރެއްކަން ތިބާ އަޅުތަކުން ދަންނަނިކޮށު. މިތައްމަގުން މިތަށްފަށުން ކައްތިރި ބަވަނަ މަހާރަދުންގެ ކައްތިރި މުދި ޖެއްސެވުމަށް މިފަތް ލިޔުމުގެ ހުއްދަ ވިދާޅުބަސްފުޅު އިއްވި ހިނދު ފުރަމާލޭ ފަތްލިޔާ އަޅާލީން"

މިހެން ވިދާޅުވެ ފޯޅަވައްސަކީ ރަސްގެފާނުގެ ޝަހަރެއްކަމުގެ ފަތްތޫރަ މުޅި ރާއްޖޭގައި ހިންގައިފި އެވެ.

މިހާ ހިސާބުން ހާހާއި ނުވަ ސަތޭކަ ހަތްދިހަ ހަތަރުވަނަ އަހަރު ހިމިތީ ހުސައިން މަނިކު، ނިލަންދޫ ފަރީދަށް ކިޔައިދެއްވި ފޯޅަވަހީގައި ރާއެރި ބޮޑު އަލީ ވާހަކަ ހުއްޓުނީ އެވެ.

ކުރީގެ ބައިތައް، ތަރުތީބުން

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox