ޒިއުރިކް (ފެބްރުއަރީ 19) - މިދިިޔަ އަހަރު ތެރޭ ދެ ފަހަރެއްގެ މަތިން މަނާބޭހަށް ޕޮޒިޓިވްވި، ދުނިޔޭގެ އެއް ވަނަ ޓެނިސް ތަަރި، އިޓަލީގެ ޖަނިކް ސިނާއާ ދެކޮޅަށް ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން އިން ހުށަހެޅި މައްސަލައިގައި، ސިނާ އިއުތިރާފުވުމުން، އޭނާ ތިން މަހަށް ސަސްޕެންޑްކުރުމަށް ނިންމި ނިންމުން ބޮޑު ބަހުސަކަށްވެއްޖެ އެވެ.
ސިނާ، 23، މަނާބޭހަށް ޕޮޒިޓިވްވުމުން، އެކަމަށް އިންޓަނޭޝަނަލް ޓެނިސް އިންޓަގްރިޓީ އެޖެންސީ (އައިޓީއައިއޭ) އިން އެކުލަވާލި ޕެނަލުން ނިންމާފައިވަނީ، ގަސްދުގައި ކުރި ކަމެއް ކަމަށްވާތީވެ، ސިނާ ސަސްޕެންޑް ކުރެވެން ނެތް ކަމަށެވެ. އެކަމަކު، ފަހުން ވާޑާ އިން އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅައި، ސިނާ ދެ އަހަރަށް ސަސްޕެންޑް ކުރަން އެދުނެވެ.
ކާސްގައި މި މައްސަލަ ތާވަލުކުރި ފަހުން، ސިނާ ވަނީ، ވާޑާއާ އެކު، އެއްބަސްވުމެއް ހަދައި، ކުށަށް އިއުތިރާފްވެފަ އެވެ. އެ ހުރިހާ ކަމަކަށް ބަލައި، ވާޑާ އިން ނިންމީ، ސިނާ ތިން މަހަށް ސަސްޕެންޑް ކުރުމަށެވެ. އެއީ، ސިނާގެ ސާމްޕަލުން މަނާބޭސް ފެނުނީ އޭނާ އަށް ފަރުވާ ދިނުމުގައި، ފިޒިއޯތެރަޕިސްޓު ބޭނުންކުރި ބޭހެއްގެ ސަަބަބުން ކަމަށް ވާޑާ އިން ހޯދި ހޯދުމުން އެނގިފައިވާތީ އެވެ.
އެކަމަކު، މި މައްސަލައިގައި ޓެނިސް ދުނިޔޭގައި ފެންނަނީ ދެކަފި ހިޔާލުތަކެވެ. ޓެނިސް ލެޖެންޑަރީ ތަރި، ސްޓޭން ވަވްރިންކާ ބުނީ، މިހާރު ޓެނިހަކީ މަހާބޭހުން ސަލާމަތްވެފައި، އޮތް "ކްލީން" ސްޕޯޓެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އަނެއްކޮޅުން، ސާބިއާގެ ތަރި، ނޮވަކް ޖޮކޮވިޗް ބުނީ، މިހާރަކަށް އައިސް ކުޅުންތެރިންނާ މެދު ގޮތް ނިންމުމުގައި، ގަޔާވާ ކުޅުންތެރިންނާ މެދު އޮންނަނީ ވަކި ގޮތެއް ކަމަށެެވެ.
މިދިޔަ މަހު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރި، ސިނާގެ ސަސްޕެންޝަންގެ މުއްދަތު އޮތީ، މި މަހު 9 އިން މެއި މަހުގެ 4 ވަނަ ދުވަހަށެވެ. ސަސްޕެންޝަންގެ މުއްދަތު ހަމަވާއިރު، ފިޓްކޮށް ހުރުމުގެ ގޮތުން، އަންނަ އޭޕްރީލް މަހުގެ 13 ގައި، ސިނާ އަށް ރަސްމީ ޕްރެކްޓިސްތައް ފެށޭނެ އެވެ.
މިހާރު އޮތް ގޮތުން، ސިނާ އަށް ކުޅުމަށް އެނބުރި އާދެވޭނީ އަމިއްލަ ގައުމު އިޓަލީގައި އޮތް މުބާރާތަކަށެވެ. އެއީ، މެއި ހަތް ވަނަ ދުވަހު ފަށާ ރޯމް މާސްޓާސް މުބާރާތަށެވެ. މިއީ، ވެސް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. ދެން އޮތް ގްރޭންޑް ސްލޭމް މުބާރާތުގައި ކުޅެވޭ ގޮތަށް ސިނާގެ ސަސްޕެންޝަންގެ މުއްދަތު އޮތުމެވެ.












