އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ހުރި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްސަލަތައް ފައިލް ނުކުރާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލަކު "އަދަދު" އަށް ބުނީ ރައީސް މުއިއްޒުގެ މައްސަލަތައް އޭސީސީން ފައިލް ކޮށްފައި ނުވާކަން ކަށަވަރުކޮށްދޭ ކަމަށެވެ. އެކަމަކު އެކަމާ ގުޅިގެން އިތުރަށް އެއްވެސް އެއްޗެއް އޭނާ ވިދާޅެއް ނުވެ އެވެ.
"ރައީސްގެ މައްސަލަތައް ފައިލްކުރިކަން ޑިނައި ކުރަން. އިތުރަށް އެއްވެސް އެއްޗެއް މިވަގުތު ބުނެވޭކަށް،" އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ 20 އަށް ވުރެ ގިނަ މައްސަލަ އޭސީސީން ބަލަމުންދާ ކަމަށް "އަދަދު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެގޮތުން 2022 ގައި އޭސީސީން މައުލޫމާތު ދިން ގޮތުގައި އޭރު މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ ގޮތުގައި ހުންނެވި ރައީސް މުއިއްޒުގެ ހަ މައްސަލައެއް އޭރު ބަލަމުންދިޔަ ކަމަށް އޭސީސީއިން ބުނެފައިވެ އެވެ.

ފެބްރުއަރީ 13، 2022، ގައި އޭސީސީން އާންމު ފަރާތަކަށް ދީފައިވާ ޖަވާބުގައި ބުނެފައިވާ ގޮތުން، އޭރު ބަލަމުންދިޔަ މައްސަލަތަކުގެ ތެރޭގައި ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރުގެ ގިނަ މައްސަލަތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިޔާ ފުލެޓު ލިސްޓާ ބެހޭ މައްސަލަތަކެއް ވެސް ހިމެނެ އެވެ.
އެ ގޮތުން ހިޔާ މަޝްރޫއު އެންމެ އަގުބޮޑު ޕްރޮޕޯސަލް ހުށަހެޅި ކުންފުންޏާ ހަވާލުކުރެއްވި ކަމަށް ބުނާ މައްސަލައަކާއި ފުލެޓު ލިސްޓުގައި އޮޅުވާލުން ހިންގެވި ކަމަށް ބުނާ މައްސަލައެއްގެ އިތުރުން ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު އަމިއްލަ މަންފާއަށް މަޝްރޫއުތައް ކުންފުނިތަކަށް ދިން މައްސަލައެއް ވެސް ހިމެނެ އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ބޭރު ކުންފުނިތަކަކުން އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ވެސް މި ނޫހުން 2023 ވަނަ އަހަރު ވާނީ ފެންމަތިކޮށްފަ އެވެ.
އެ މައްސަލާގައި ރައީސް މުއިއްޒުގެ ފަރާތުން އޭރު ވިދާޅުވީ ބޭރު ކުންފުންޏަކުން އެކައުންޓަށް ޖަމާވީ އެމަނިކުފާނުގެ ރޯހައުސްއެއް ކުއްޔަށް ދީގެން ލިބެން ޖެހޭ ފައިސާ ކަމަށެވެ.
ރައީސް މުއިއްޒުގެ އިތުރުން މި ސަރުކާރުގެ ވެރިންނާ ގުޅޭ ގިނަ މައްސަލަތަކެއް އޭސީސީގައި އޮތީ ފުނިޖެހިފަ އެވެ. އެކަމަކު އެއްވެސް މައްސަލައެއް ބެލުމުގައި އެ ކޮމިޝަނަށް އެއްވެސް ކުރިއެރުމެއް ހޯދިފައެއް ނުވެ އެވެ.
އޭސީސީން ހިންގާ ތަހުގީގުތައް އަވަސް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވަނީ ދާދި ފަހުން އެ ކޮމިޝަނަށް އަންގާފަ އެވެ.













