ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން ކުރިއަށްގެންދިޔަ 12 ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕްގެ ސިންގަލްސް ޗެމްޕިއަންކަން، އާރާ އާސާލް އާޒިމް އާއި މުހައްމަދު ނޫހު ނާޒިހު ހޯދައިފި އެވެ.
އޯޕަން އަންހެން ސިންގަލްސް ފައިނަލުގައި އާރާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނަބާ ނިޝާން އަތުން 6-3، 6-3 އިން މޮޅުވެގެންނެވެ. ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، ނޫހު ހޯދީ ފައިނަލުގައި 6-3، 6-1 އިން ލޫތު އަގްލީމް އަހުމަދު ބަލިކޮށްފަ އެވެ.
ޖޫނިއާ ބައިގެ ޗެމްޕިއަންކަން އާރާ ހޯދީ ފައިނަލުގައި، މަންހާ މުހައްމަދު އަލީ އަތުން 6-2، 6-2 އިން މޮޅުވެގެންނެވެ. އަދި ޖޫނިއާ ފިރިހެން ބައިގެ ޗެމްޕިއަންކަން، ނޫހު ހޯދީ ފައިނަލުގައި، މިކާ މުހައްމަދު ކަލީމް އަތުން 6-3، 6-3 އިން މޮޅުވެގެންނެވެ.
ފިރިހެން ޑަބަލްސް ޗެމްޕިއަންކަން، މުހައްމަދު ކައިސަން އިއްޒަތު ރަޝީދު އާއި ނޫހުގެ ޕެއާ އިން ހޯދިއިރު، އަންހެން ޑަބަލްސް ޗެމްޕިއަނަކީ، ނަބާ އާއި އާރާގެ ޕެއާ އެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން، ހޯދީ ނަޔާރާ އުސާމާ އަލީ އާއި އަހުމަދު އައިހަމް ޝިޔާމް އެވެ.











