މިލާން (ޖެނުއަރީ 20) - އިޓާލިއަން ލީގުގައި ރޭ އެމްޕޮލީ އަތުން 3-1 އިން މޮޅުވެ، އިންޓަ މިލާނުން ލީގުގެ އެއް ވަނަ މަގާމަށް ޖެހިލުމަށް މުހިންމު މޮޅެއް ހޯދައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް ވަނީ 21 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އިންޓަ މިލާނަށް 20 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، މެޗު ހަމަކޮށް، އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އިންޓަ އަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެމްޕޮލީ ކޮޅަށް ގޯލެއް ޖެހޭގޮތެއްނުވި އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭ، މެޗުގެ 55 ވަނަ މިނިޓްގައި ލައުޓާރޯ މާޓިނޭޒް ވަނީ އިންޓަ އަށް ލީޑުނަގައިދީފަ އެވެ. މި ލަނޑު ޖެހީ، ނިކޯލޯ ބަރޭލާ ދިން ބޯޅައަކުންނެވެ.
މެޗުގެ 79 ވަނަ މިނިޓްގައި ޑެންޒެލް ޑަމްފްރީސް އިންޓަގެ ދެ ވަނަ ގޯލު ޖެހިތާ ފަސް މިނިޓް ފަހުން، ސަބެސްޓިއަން އެސްޕޮސީޓޯ ވަނީ ގޯލެއް ޖަހައި އެމްޕޮލީ އަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް މާކަސް ތުރާމް ވަނީ ގޯލު ޖަހައި، އިންޓަ މޮޅުކޮށްދީފަ އެވެ.
މި ނަތީޖާއާ އެކު، އިންޓަ އިން ވަނީ ލީގުގައި ބަލިނުވެ 15 މެޗު ހަމަކޮށްފަ އެވެ.
އިންޓަގެ އެސިސްޓަންޓް ކޯޗު މެސިމިލިއާނޯ ފަރީސް ބުނީ، އެ ޓީމަށް ކުރިއަށް އޮތް ހަފްތާތަކަކީ ވަރަށް ޗެލެންޖިން ދުވަސްތަކަކަށް ވާނެ ކަމަށާއި ރިކަވަރީ އަށް ރަނގަޅު ވަގުުތު ނުލިބި ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭނެ ކަމަށެވެ.












