މިލާން (ޑިސެމްބަރު 24) - އިޓާލިއަން ލީގުގެ ކްލަބް މޮންޒާގެ ކޯޗަކަށް މި ސީޒަނުގައި ހަމަޖެއްސި އިޓަލީގެ ކުރީގެ ޑިފެންޑަރު، އަލެސަންދްރޯ ނެސްޓާ، ހަ މަސް ތެރޭ މަގާމުން ވަކިކޮށްފި އެެވެ.
ނެސްޓާ މިދިޔަ ސީޒަންގައި ކޯޗުކޮށްދިނީ ދެ ވަނަ ޑިވިޝަންގެ ރެޖިއާނާ އަށެވެ. އެ ޓީމުން ލީގުގެ 11 ވަނަ ހޯދިއެވެ. މޮންޒާގެ ކޯޗުކަމާ ނެސްޓާ ހަވާލުވީ ރެޖިއާނާގެ ކޮންޓުރެކްޓްއާ ގުޅިގެން ޖެހުނު މައްސަލަތައް ހައްލުކުރުމަށްފަހު އެވެ. އެކަމަކު، މޮންޒާގައި ވެސް ނެސްޓާ އަށް ކުރިމަތިލާން ޖެހުނީ ނަތީޖާ ނުރެވިގެން މައްސަލަތަކާ އެވެ.
އިޓާލިއަން ލީގުގައި މި ސީޒަނުގައި މޮންޒާ އިން ކުޅުނު 17 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ނުވަ މެޗުން އެއްވަރުވިއިރު، ހަތް މެޗުން ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން، ބަލިވީ ޔުވެންޓަސްއާ އެކު ކުޅުނު މެޗުގަ އެވެ. އެ މެޗަކީ ނެސްޓާގެ ފަހު މެޗެވެ. މިއީ، ޖެހިޖެހިގެން އެ ޓީމު ބަލިވި ތިން ވަނަ މެޗެެވެ.
މޮންޒާގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ނެސްޓާ ވަނީ ޕެރޫޖިއާ، ފްރޮސިނޯން އަދި ރެޖިއާނާ އަށް ކޯޗުކޮށްދީފަ އެވެ. މިއީ، އިޓާލިއަން ލީގުގެ ޓީމެއްގެ ކޯޗުކަމާ ނެސްޓާ ހަވާލުވި ފުރަތަމަ ފަހަރެވެ. ނެސްޓާ، 48، ވަނީ އިޓާލީގެ ގައުމީ ޓީމާ އެކު 2006 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ކްލަބު ކެރިއަރުގައި އޭސީ މިލާނާއި ލާޒިއޯ އަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދައިިފަ އެވެ.
ނެސްޓާ ވަކިކޮށް، މޮންޒާ އިން ކޯޗަކަށް ގެނައީ، ސަލްވަޓޯ ބޮޗެޓީ އެވެ. އޭނާ މީގެ ކުރިން ކޯޗުކަން ކޮށްދިނީ ހެލަސް ވެރޯނާ އަށެވެ. އޭނާ އެ ޓީމުގައި ވަގުތީ ގޮަތުން 2022 ވަނަ އަހަރު ކޯޗަކަށް މަސައްކަތްކުރިއިރު، ނުކުތް ހަ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.












