ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލްގެ އިތުބާރު ނެތް ކަމަށް އެ ގައުމުގެ ނެޝަނަލް އެސެމްބްލީން މިއަދު ފާސްކޮށްފި އެވެ.
ޔޫންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން ނެޝަނަލް އެސެމްބްލީއަށް ވެއްދީ އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެންނެވެ.
ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު ޔޫން އިއުލާން ކުރެއްވި ނަމަވެސް، އެ ގަރާރު ގާނޫނު ހަދާ މަޖިލީހުން ވަނީ މާގިނައިރުތަކެއް ނުވަނީސް ބާތިލު ކޮށްފަ އެވެ.

ދެކުނު ކޮރެއާގެ ގާނޫނު ބުނާ ގޮތުން ރައީސް މަގާމުން ޔޫން އަޒުލުކުރަން މަޖިލީހުގެ 200 ވޯޓު ބޭނުންވާއިރު، ޔޫން މަގާމުން ވަކިކުރީ 300 މެންބަރުންގެ ތެރެއިން 204 މެންބަރުންގެ ވޯޓާ އެކީގަ އެވެ.
ސިއްރު ވޯޓުގައި ތިން މެންބަރަކު ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެ އެވެ. އަދި އަށް މެންބަރުންގެ ވޯޓު ވަނީ ބާތިލްވެފަ އެވެ.
މިއީ ޔޫން މަގާމުން ވަކި ކުރަން ނެޝަނަލް އެސެމްބްލީގައި ނެގުނު ދެވަނަ ވޯޓަށްވާއިރު، ޑިސެމްބަރު 7، ގައި ނެގި ވޯޓުން ޔޫން ވަކިކުރަން ލިބުނީ 194 ވޯޓެވެ.
މަގާމުން ވަކިކުރުމާ ގުޅިގެން ޔޫން ވިދާޅުވީ އޭނާ މިދިޔަ ދުވަސްތަކުގައި ކުރަމުން އައި މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އަހަރެން މި ގައުމުގެ މުސްތަގުބަލަށްޓަކައި ފަށާފައިވާ މަސައްކަތްތައް ނުހުއްޓި ކުރިއަށްދާނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.
ދެކުނު ކޮރެއާގެ ރައީސްކަމުން ޔޫން ވަކި ކުރުމާ ގުޅިގެން އެ މަގާމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ ބޮޑުވަޒީރު ހަން ޑަކް ސޫ އެވެ.










