މާޝަލް ލޯ އިއުލާން ކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓަރު ކިމް ޔޮންގް ހިޔޫން މަގާމުން އިސްތިއުފާ ދީފި އެވެ.
ކިމްގެ އިސްތިއުފާ ގަބޫލު ކުރެއްވުމަށްފަހު ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔިއޮލް ވަނީ އާ ޑިފެންސް މިނިސްޓަރަކަށް އެ ގައުމުން ސައުދި އަރަބިއްޔާއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ޗޯއި ބުންގް ހިޔޫކް ހަމަޖައްސަވާފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މިދިޔަ އަންގާރަ ދުވަހު މާޝަލް ލޯ އިއުލާން ކުރުމަށް ރައީސް ޔޫންއަށް އިރުޝާދު ދެއްވީ ކިމް އެވެ. ނަމަވެސް އެ މާޝަލް ލޯ އުވާލާން ގާނޫނު ހަދާ މަޖިލީހުން މާ ގިނަ އިރުތަކެއް ނުވެ ވަނީ ނިންމާފަ އެވެ.

މާޝަލް ލޯ އިއުލާން ކުރުމުގެ ސަބަބުން ދެކުނު ކޮރެއާގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެގޮތުން އެ ގައުމުގައި މިވަގުތު އޮތް ސަރުކާރަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންނެވެ.
އިދިކޮޅުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އެ މުޒާހަރާގެ ބައިވެރިން ގޮވާލަމުން އަންނަނީ ރައީސް ޔޫން މަގާމުން އިސްތިއުފާ ދެއްވުމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން އަންނަނީ ރައީސް ޔޫން މަގާމުން ދުރު ކުރުމަށް އިތުބާރު ނެތް ކަމުގެ ވޯތެއް ނެގުމަށް ވެސް ތައްޔާރުވަމުންނެވެ.










