އޮރިޔާންކޮށް ބިރުދައްކައިގެން ދެ މީހެއްގެ އަތުން ފޭރުނު ކަމުގެ ތުހުމަތު ކުރެވޭ ފަސް މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން މިއަދު ފޮނުވައިފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕީޖީ އޮފީހަށް ފޮނުވީ:
- އާއިޝަތު 43އ، މއ. މަސްފަން
- މުހައްމަދު ރީހާން 27އ، މއ. މަސްފަން
- ޝަފީގު އިބްރާހިމް 35އ، ސ. ހިތަދޫ، ސޯމާ
- އަހުމަދު މިހާދު 44އ، ގ. އޯލްޕެރިސް
- ރިމާނާ މޫސާ 39އ، ގ. ރަނައުރާގެ
އޭގެތެރެއިން މިހާދު އާއި ރިމާނާ އަކީ މިދިޔަ ޖުލައި 19، ގައި މާލޭގައި ހުންނަ ޔެލޯ ލައިޓް ސްޓޭ ކިޔާ ގެސްޓު ހައުސްއަކަށް ދިވެހި ފިރިހެނަކު ވައްދައި އެ މީހާއަށް ތޫނު އެއްޗެހިން ބިރު ދައްކައި އެ މީހާ އޮރިޔާންކޮށް އޭނާގެ ވޮލެޓުގަ އާއި އެކައުންޓުގައި ހުރި ފައިސާ ފޭރުނު ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނެވެ.
ޕީޖީއަށް ދެން ފޮނުވި އާއިޝަތާއި ރީހާންގެ އިތުރުން ޝަފީގު އިބްރާހިމްއަކީ ޖުލައި 24، ގައި މއ. މަސްފަން އަށް ދިވެހި ފިރިހެނަކު ވައްދައި އެމީހާއަށް ވަޅިން ބިރުކައިދައި އޮރިޔާންކޮށް އަނިޔާކޮށް އޭނާގެ މޯބައިލް ފޯނު އަތުލައި ބޭންކު އެކައުންޓުން ފައިސާ ޓްރާންސްފާ ކުރުވި ކަމުގެ ތުހުމަތު ކުރެވޭ ތިން މީހުންނެވެ. އޭގެއިތުރުން އޭނާގެ ކޭޝް ކާޑު ބޭނުން ކޮށްގެން އޭޓީއެމުން ފައިސާ ނަގާފައިވާ ކަމަށް ވެސް އެމީހުންގެ މައްޗަށް ތުހުމަތު ކުރެވެ އެވެ.













