ހުކުރު ނަމާދު ފަދަ ބޮޑު ޖަމާއަތުގައި ކުރާ ނަމާދުތަކުގައި ބައެއް ހަތީބުން ދިގުކޮށް ކިޔަވާ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ ސުންނަތް ގޮތަކީ ބޮޑެތި ޖަމާއަތްތަކުގައި ކުރުކޮށް ކިޔެވުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަމާއަތުގައި ބަލިމީހުންނާއި އުޒުރުވެރިންނާއި ކުޑަކުދިން ވެސް ތިބޭނެ ކަން އިމާމުންގެ ހަނދާނުގައި ބަހައްޓަން ޖެހޭނެ އެވެ.
" ޖަމާއަތުގައި ބަލިމީހުންނާއި އުޒުރުވެރިން އަދި ކުޑަކުދިންވާނެކަން އިމާމުގެ ހަނދާނުގައި ބެހެއްޓުން މުހިންމު. ވިއްސާރަވާ އިރު ވިއްސާރައިގަ އަދި ގަދަ އަވިދޭ އިރު އަވީގައި ވެސް ޖަމާއަތުގެ ބޮޑު ބައެއް އޮވޭ. މިފަދަ ކަންކަމާމެދު ސަމާލުވުމަކީ ފިގުހުވެރިކަމުގެ ތެރެއިންވާ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.
ހުކުރު ނަމާދާއި އީދުނަމާދު ފަދަ ބޮޑެތި ޖަމާއްތަކަށް އެއްވާ ހުރިހާ އެންމެނަށް މިސްކިތުގެ އެތެރެއިން ޖާގަ ނުލިބުމުގެ މައްސަލައަކީ ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ރަށެއްގައި ވެސް އޮންނަ މައްސަލަ އެކެވެ. އެގޮތުން ޖާގަ ނުލިބޭ މީހުން މިސްކިތުގެ ބޭރުގައި ތިބެން ޖެހޭ އިރު ގިނަ މީހުން ތިބެން ޖެހެނީ ވެސް އަވީގަ އެވެ. އިއްޔެގެ އިރުޝާދުގައި ޝަހީމް ފާހަގަ ކުރެއްވި އެއް ނުކުތާއަކީ އެ މައްސަލަ އެވެ.












