ހުޅުމާލޭ ޕޮލިސް ސްޓޭޝަނުގެ ދޮރުގެ ލައިޓު ތަޅާލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ސެންޓްރަލް ޕާކު ކައިރި ހުންނަ ޕޮލިސް ސްޓޭޝަން ގެ ހުޅަނގު ފަރާތު ދޮރުގެ ލައިޓު ތަޅާލީ ހ. ހެމަވަތި، މާލެ ސިޓީ، ޒައިދާން މުހައްމަދު ޒާހިރު، 24، ކަމަށެވެ.
ޒައިދާނަކީ ނުރައްކާތެރިކޮށް ސައިކަލު ދުއްވައިގެން ޓޯކޮށްފައިވާ ސައިކަލަކާ ހަވާލުވާން ހާޒިރުވި މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހައްޔަރަށް ގެންގޮސް ބަލައިފާސްކުރި އިރު ޒައިދާންގެ ޖީބުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި މައްސަލާގައި އިތުރު މީހަކު ހައްޔަރު ކުރިކަމަކަށް ނުވެ އެވެ.
ފުލުހުން ބުނީ ޒައިދާން ހައްޔަރުކޮށްފައިވަނީ ޕޮލިސް ސްޓޭޝަން އަށް ގެއްލުން ދިނުމާއި މަސްތުވާތަކެތި ގެންގުޅުމުގެ ތަފާތު ދެ މައްސަލާގައި ކަމަށެވެ.













