ބޭންކް އޮފް މޯލްޑިވްސް އާއި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ގުޅިގެން އާދީއްތަ ދުވަހު ހިންގަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތު ކުރާ ބަގާވަތަށް 72 ގަޑިއިރަށް ވުރެ ގިނަ ވަގުތު ވެގެންދިޔައިރު ވެސް ފިޔަވަޅު އަޅަން ޖެހޭ ބަޔަކު ފުލުހުން ހޯދިފައި ނުވާކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ބީއެމްއެލް މެދުވެރިކޮށް ބަގާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު މައްސަލައެއް ތަހުގީގު ކުރަމުންދާކަން ފުލުހުން ހާމަކުރީ އޯގަސްޓު 26, ގެ ރޭ 21:04 ގަ އެވެ. އެކަމަކު އަދިވެސް އެ ބަގާވާތުގެ އަޑީގައި ހުރި ބަޔަކު ދަނެނުގަނެވޭ ކަމަށް ފުލުހުން ބުނެ އެވެ.
"ތަހުގީގުގައި، ހޯދަން ޖެހޭ އެންމެހައި މައުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުން. މީގެ އިތުރުން، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާ ނަމަ އެކަން ދެނެގަތުމާއެކު، ތަހުގީގު މަރުހަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ދަނީ ކުރަމުން," ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
ހޯމަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ފުލުހުން ބުނަނީ ބީއެމްއެލްއިން ދިވެހި ރުފިޔާ އެކައުންޓުތަކަށް ދެމުން ދިޔަ ޑޮލަރު ސަޕޯޓު ކަނޑާލުމަށްފަހު، އިދިކޮޅުން އިގްތިސާދީ ހާލަތް ކިޔައިދޭން ޕްރެސް ކޮންފެރެންސެއް ބޭއްވުމަށްފަހު، ފޭކު އެކައުންޓުތަކެއް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށް ގޮވާލާފައިވާ ކަމަށެވެ.
ދިވެހި ރުފިޔާ އެކައުންޓުތަކަށް ދެމުން އައި 250 ޑޮލަރުގެ ސަޕޯޓު ކަނޑާލުމުގެ އިތުރުން ކްރެޑިޓް ކާޑުގެ ޑޮލަރުގެ ލިމިޓު ވެސް 100 ޑޮލަރަށް ބީއެމްއެލް އިން ތިރި ކުރި އެވެ. ނަމަވެސް ބޭންކުގެ ރެގިއުލޭޓަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަންގައިގެން ހަމަ އެ ދުވަހު އެ ނިންމުން ވަނީ ބާތިލުކޮށްފަ އެވެ.

އާދީއްތަ ދުވަހު ގެންނަން އުޅުނު ކަމަށް ބުނާ ބަގާވާތާ ގުޅޭ ގޮތުން ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ ގެންނަން އުޅުނީ ބަގާވާތެއް ކަމަށް "ބުއްދި ހުރި ކޮންމެ މީހަކަށް" ވެސް އެނގޭނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން ގެންނަން އުޅުނު ބަގާވާތުގެ މައްސަލަ ތަހުގީގު ކުރާއިރު، މިހާތަނަށް އެއްވެސް ތަނެއް ބަލައި ފާސްކޮށްފައެއް ނެތެވެ. މީހަކާ ސުވާލެއް ނުކުރެ އެވެ. ގެންނަން އުޅުނީ ބަގާވާތެއް ކަމަށް ދައްކަން ފުލުހުންނާއި ސަރުކާރު ގުޅިގެން އަޑުތައް ފެތުރި ފަހުން ވެސް ބީއެމްއެލްގެ ބޯޑު މެންބަރުންނާއި އެ ބޭންކުގެ އިސްވެރިން އާންމު އުސޫލުން ކުންފުނީގެ ޒިންމާތައް ދަނީ އަދާކުރަމުންނެވެ.












