ބަގާވާތާ ގުޅޭ ބަޔާން ފުލުހުން ނެރުމުން އާންމުން ޖެހީ ޖޯކު!

ފުލުހުންގެ އިސްވެރިން ޖެންޑާ މިނިސްޓްރީއާ ބައްދަލުކުރުން: ބަގާވާތާ ގުޅޭ ބަޔާން ފުލުހުން ނެރުމުން އާންމުން ދަނީ ޖޯކު ޖަހަމުން -- ފޮޓޯ: ޕޮލިސް

ފުލުހުންގެ އިސްވެރިން ޖެންޑާ މިނިސްޓްރީއާ ބައްދަލުކުރުން: ބަގާވާތާ ގުޅޭ ބަޔާން ފުލުހުން ނެރުމުން އާންމުން ދަނީ ޖޯކު ޖަހަމުން -- ފޮޓޯ: ޕޮލިސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަ ކުރަން ނިންމި ވަގުތު އިދިކޮޅު ފަރާތްތަކުން ބަގާވާތެއް ކުރަން އުޅުނު ކަމަށް ބުނެ ފުލުހުން ނެރުނު ބަޔާނަށް އާންމުންގެ ގިނަ ބަޔަކު ޖޯކު ޖަހައިފި އެވެ.

ފުލުހުން "އެކްސް" ގައި އާންމުކުރި އެ ބަޔާނާ ގުޅިގެން އާންމުން އެ ޕްލެޓްފޯމްގައި ބުނީ، އަނެއްކާ ވެސް ފުލުހުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ، ސިޔާސީ ބަޔާންތައް ނެރެން ފެށުމުން އެކަމާ ހިތްހަމަ ނުޖެހޭ ކަމަށެވެ.

"މީ ސީދާ ސިޔާސީ ނޫސްބަޔާނެއް. ޕޮލިހަކީ ސިޔާސީ އައްޑައަކަށް ނުހައްދަވާ. ބީއެމްއެލްގެ ޑިރެކްޓަރުންގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން ނިންމާ ނިންމުމަކަށް ފުލުހުންނަށް ތަހުގީގެއް ނުހިންގޭނެ،" ވ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝުޖާއު ވިދާޅުވި އެވެ.

ކުރީގެ އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު "އެކްސް" ގައި ވިދާޅުވީ އެމްއެމްއޭ ފެނަކަ ފެންވަރަށް ވެއްޓި، ފުލުހުންގެ އިދާރާ ފެނަކަ ފެންވަރަށް ވައްޓާނުލައްވަން އެދޭ ކަމަށެވެ.

"އަކުރުން އަކުރަށް ސިޔާސީ ސްޓޭޓްމެންޓެއްކަމަށް ދެކެން," މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވި އެވެ.

އޭގެ އިތުރުން، ބީއެމްއެލްއާ އެކު ގާތް މަސައްކަތްތަކެއް ކުރަމުން އަންނަ އެއް ފަރާތް ކަމަށްވާ، މުހައްމަދު ޝާރިފް ވިދާޅުވީ ބަޔާނުގެ ސަބަބުން ބީއެމްއެލްގެ މުވައްޒަފުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ބަޔާން ނުނެރި ތަހުގީގު ހިންގިނަމަ މާ ރަނގަޅުވީސް ކަމަށެވެ.

"ޕޮލިހުގައި ތިއްބެވި ބޭފުޅުންނަކީ މިފަދަ ބަޔާންތައް ނެރުއްވާވަރުގެ ނާގާބިލު މީހުންނޭ ހިތަށް އަރާ ހަމަ،" ޝާރިފް ވިދާޅުވި އެވެ.

އެކްސްގެ އިތުރުން ފޭސްބުކްއަށް ފުލުހުން އާންމުކުރި އެ ބަޔާނަށް ވެސް ގިނަ ބަޔަކު ވަނީ ޖޯކު ޖަހައި، ސަރުކާރުގެ ނާގާބިލުކަމުގެ ވާހަކަ ދައްކައި ފާޑު ކިޔާފަ އެވެ. އަދި ފުލުހުން އެ ބަޔާން ނެރުނީ ސީދާ ސަރުކާރުގެ އޯޑަރަށް ހަގީގަތް އޮޅުވާލަން ކަމަށްވެސް އާންމުން ބުންޏެވެ.

"ބީއެމްއެލްއިން ސަރުކާރު ވައްޓާނުލީ ހަމަ ކިރިޔާ،" އެކަކު ބުންޏެވެ.

މީގެއިތުރުން ސަރުކާރަށް ފާޑު ކިޔައި ބައެއް މީހުން ބުނީ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް، ވީ ގޮތް ރައްޔިތުންނަށް އޮޅުވާ ނުލެވޭ ކަމަށެވެ. އެގޮތުން ސަރުކާރުން ސަރުކާރަށް ކުރެވޭ ގޯސް ކަންކަމުގެ ޒިންމާ ނަގަން ދަސް ކުރަން ޖެހޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ނިންމުން ބީއެމްއެލްއިން ނިންމި ވަގުތު ސަރުކާރުގެ މާލީ ހާލަތާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުން ދިޔަ ކަމަށާއި ހަމަ އެ ވަގުތު ސޯޝަލްމީޑިއާގައި އެތައް ސަތޭކަ "ބޮޓް އެކައުންޓު" ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާންމު ހަމަޖެހުން ނަގާލަން ގޮވަމުންދިޔަ ކަމަށެވެ.

ބީއެމްއެލްގެ ނިންމުމާ ގުޅުވައި ގައުމުގެ އާންމު މަސްލަހަތު ނަގައިލުމަށް ބަޔަކު މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ފުލުހުން ބުނީ ގާނޫނީ ވެރިކަމެއް ގައިރު ގާނޫނީ ގޮތުން ބަދަލު ކުރުމަށް އިއްޔެ ބަޔަކު މަސައްކަތް ކުރި ކަމުގައި ބެލޭނެ ޖާގަ އެބަ އޮތް ކަމަށެވެ.

ހިންގަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތު ކުރާ ބަގާވަތަށް 48 ގަޑިއިރު ފާއިތުވި އިރު ވެސް އެ މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox