ސަރުކާރުން އަންގައިގެން އަންނަ އަހަރުގެ ޖެނުއަރީގައި ދައްކަން ޖެހޭ މި އަަހަރުގެ ދެވަނަ އިންޓަރިމްގެ ބޭންކު އިންކަމް ޓެކްސް، ނިމުނު ޖުލައި މަހުގެ ތެރޭގައި ބޭންކުތަކުން ދައްކައިފި އެވެ.
މީރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ރެވެނިއު ކަލެކްޝަން ރިޕޯޓުގައި މިކަން ފާހަގަކޮށް ލިޔެފައިވާ ގޮތުގައި ޖުލައިގައި ލިބުނު އާމްދަނީ އަންދާޒާ ކުރި ވަރަށް ވުރެ 16 ޕަސެންޓު އިތުރުވީ މައިގަނޑު ސަބަބަބަކީ ބޭންކުތަކުން މި ޓެކްސް ދެއްކުމެވެ.
މިއީ ސަރުކާރުން ބޭންކުތަކަށް އަންގައިގެން ދެއްކި ފައިސާ ކަމަށް ރަސްމީކޮށް ފިނޭންސް މިނިސްޓްރީން ނުބުނި ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި މި ފައިސާ ދެއްކީ، ސީދާ އެގޮތަށް ކަން ކުރަން ބޭންކުތަކަށް އަންގައިގެންނެވެ.
ދައްކަން ޖެހޭ ތާރީހުގެ ކުރިން ބޭންކު އިންކަމް ޓެކްސް ދެއްކުމުން މި އަހަރުގެ މިހާތަނަށް ބޭންކު އިންކަމް ޓެކްސްއިން ލިބުނު އާމްދަނީ ހުރީ 1.4 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރުގެ ޖުލައި ނިމުނުއިރު ބޭންކުތަކުން އިންކަމް ޓެކްސްއަށް ދެއްކީ 967 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު އެ އަދަދު ހުރީ 885 މިލިއަން ރުފިޔާގަ އެވެ.
މިކަމާ ގުޅޭ ގޮތުން ބޭންކުތަކުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ހަމައެހެންމެ، މި ޓެކްސް ދެއްކީ ކޮން ބޭންކުތަކަކުން ކަމެއް ވެސް ކަށަވަރެއް ނުކުރެވުނެވެ.

ޓެކްސް އާއި އެހެނިހެން ގޮތްގޮތުން ލިބެން ހުރި އާމްދަނީ އިތުރުކުރަން ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ މި އަހަރުގެ ބަޖެޓު ޑެފިސިޓު ފޫބެއްދުމުގެ ގޮތުންނެވެ. މި އަހަރަށް ފާސްކުރި ބަޖެޓަކީ 16 ބިލިއަން ރުފިޔާ ޑެފިސިޓު ބަޖެޓެކެވެ.
މި ޑެފިސިޓުގެ ބޮޑު ބަޔެއް ފޫބައްދަން ބަޖެޓުގައި ރާވާފައި އޮތީ ބޭރުން ފައިނޭންސް ހޯދައިގެންނެވެ. ނަމަވެސް އަހަރުގެ މި ހިސާބާ ހަމައަށް އައިއިރު، ބޭރުން ފައިނޭންސިންއެއް ނުހޯދަ އެވެ. ހުރިހާ ފައިސާއެއް ހަމަޖައްސަމުން ދަނީ އެތެރޭގެ ބާޒާރަށް ބޮންޑާއި ޓީ-ބިލު ވިއްކައިގެންނާއި ސަރުކާރުގެ ބޮޑެތި ކުންފުނިތައް މެދުވެރިކޮށް ބޭންކުތަކުން ލޯނު ނަގައިގެންނެވެ.













