މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާލެ ސަރަހައްދާއި އުތުރުގެ ބައެއް އަތޮޅުތަކުގެ ސްކޫލުތައް މާދަމާ ބަންދުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
"އަދަދު" އަށް މައުލޫމާތު ދެއްވި އެޑިއުކޭޝަންގެ އޮފިޝަލަކު ވިދާޅުވީ މާލެ ސަރަހައްދުގެ ހުރިހާ ސްކޫލަކާއި އުތުރުގެ ބައެއް އަތޮޅުތަކުގެ ސްކޫލުތަކުގައި މާދަމާ ކިޔެވުން ނޯންނާނެ ކަމަށެވެ. ކިޔެވުން ފެށޭނެ ދުވަހެއް ވިދާޅެއްނުވެ އެވެ.
އެ ނިންމުމާ ގުޅޭ އިތުރު ތަފުސީލު މިނިސްޓްރީން ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދު ހެނދުނުން ފެށިގެން މެދުނުކެނޑި ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ބައެއް ވަނީ ފެނު އަޑީގަ އެވެ. މިކަމާ ގުޅިގެން އާންމުންގެ ދިރިއުޅުމަށާއި އަސާސީ ހިދުމަތްތަކަށް ވަނީ ބުރޫއަރައިފަ އެވެ.
މިއަދު މެންދުރު މާލެއަށް ވެހެން ފެށި ވާރޭ އަދިވެސް މެދުކެނޑިފައި ނުވާއިރު މާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅެން ދަތިވާ ވަރަށް ވަނީ ފެން ބޮޑުވެފަ އެވެ. ބައެއް ގެތަކަށާއި ފިހާރަތަކަށް ފެން ވަނުމުގެ ސަބަބުން ގެއްލުންތަކެއް ވެސް ވަނީ ލިބިފަ އެވެ.

"ބޯކޮށް ވާރޭވެހި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި. އެހެންކަމުން ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކުރަން," ފުލުހުން އެކްސްގައި ބުނެފައިވެ އެވެ.
އުތުރާއި މެދު ރާއްޖެ ތެރެއަށް މެޓް އޮފީހުން ދަނީ ތަކުރާރުކޮށް މޫސުމާ ބެހޭ ސަމާލުތަކާއި އިންޒާރުތައް ނެރެމުންނެވެ. މެޓުން މީގެ ކުރިން ބުނީ މި ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރާ މި ވިއްސާރަ ހަފުތާ ބަންދާ ހަމައަށް ކުރާނެ ކަމަށެވެ.












