ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމާ ގުޅޭ ކޯހެއް އެމެރިކާއިން ދިވެހި ފުލުހުންނަށް ހިންގައިދީފި އެވެ.
ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ "މެނޭޖްމަންޓް އޮފް ޓެރަރިސްޓް އިންވެސްޓިގޭޝަން" ކޯސް ފުރިހަމަ ކުރި ފުލުހުންނަށް މަރުހަބާ ދަންނަވައިފަ އެވެ.
އެމެރިކާ އާއި ރާއްޖެ އަމާން ތަނަކަށް ހެދުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަކީ ފަހުރެއް ކަމަށް ވެސް އެމެރިކާ އެމްބަސީން ބުނެފައިވެ އެވެ.
ޖުމުލަ 24 ފުލުހުން މި ކޯސް ފުރިހަމަ ކޮށްފައިވާ ކަމަށް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ބުންޏެވެ. އެ އެންމެނަކީ ވެސް ޓެރަރިސްޓް ކުށްތަކުގެ ތަހުގީގުތަގައި ހަރަކާތްތެރިވާ ސީނިއާ ފުލުހުންނެވެ.
ކޮމްޕްލެކްސް އިންވެސްޓިގޭޝަންތައް ޑައިރެކްޓް ކުރުމަށް ކޮންމެހެން ބޭނުންވާ ސްޓްރެޓެޖިކް ޕްލޭނިން އަދި މެނޭޖްމަންޓް ހުނަރުތައް އެ ކޯހުން ފުލުހުންނަށް ލިބުނު ކަމަށް ޕޮލިސް ކޮލެޖުން ބުނެ އެވެ.

ހަފުތާއަކަށް ދެމިގެންދިޔަ އެ ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދިނީ ޔޫއެސް އެމްބަސީގެ އެކްޓިންގް ޑެޕިއުޓީ ޗީފް އޮފް މިޝަން، އަނަންޑް ކްރިޝްނާ އެވެ. އެ ކޯސް ކުރިއަށް ގެންދިޔައީ ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓް އާއި ޔޫއެސް އެންބަސީ ގުޅިގެންނެވެ.












