ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒު އިސްލާމީ މަރުކަޒުގައި ނަގައިދެމުން އައި ތަފުސީރު ކްލާސްތަކެއް އެ މިސްކިތާއި ސަލްމާން މިސްކިތް ނޫން މިސްކިތަކަށް ބަދަލުކުރަން އިސްލާމިކް މިނިސްޓްރީން އޭނާއަށް މިއަދު އަންގައިފި އެވެ.
ގުރުއާނުގެ ތަފުސީރު އުނގަންނައިދޭ ކްލާސްތައް އިސްލާމީ މަރުކަޒާއި ފުރުގާނު މިސްކިތުގައި ވެސް އިޔާޒު ހިންގަ އެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ ސަބަބެއް ނުދީ، އެ ކްލާސްތައް އެހެން މިސްކިތަކަށް ބަދަލުކުރަން އޭނާއަށް އަންގާފަ އެވެ.
މި ކްލާސްތަކަކީ 2018 އިން ފެށިގެން ކޮންމެ ހަފުތާއަކު މަގުރިބު ނަމާދަށް ފަހު އިޔާޒު ނަގައިދެމުން އައި ކްލާސްތަކެކެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި، ޑރ. އިޔާޒު ވަނީ މިކަން ހިނގައިދިޔަ ގޮތެއް އޮޅުން ފިލުވަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދާށް ސިޓީއެއް ފޮނުއްވާފަ އެވެ.
މިކަމާ ގުޅޭ ގޮތުން ޑރ. އިޔާޒާއި އިސްލާމިކް މިނިސްޓަރުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އެކަމަކު، ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިކަމެއް ހިނގާފައި މިވަނީ ހަމާސްގެ އަވަހާރަކޮށްލާފައިވާ ލީޑަރު، އިސްމާއިލް ހަނިއްޔޭގެ ކަށުނަމާދު ނުބާއްވައިގެން އުފެދުނު ހިޔާލު ތަފާތުވުމަށް ފަހުގަ އެވެ.

ކަށު ނަމާދު ނުބޭއްވި މައްސަލައިގައި ޝަހީމު ވިދާޅުވީ، އެކަން ކުރަން މަޖުބޫރު ނުކުރީ ގައިބުގައި ކަށުނަމާދު ކުރުން ދީނުގައި ލާޒިމު ނުކުރާތީ ކަމަށެވެ














