ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުތައް މަޑުޖައްސައިލަން ކޮންސްޓްރަކްޝަން މިނިސްޓްރީން އެ ކުންފުންޏަށް އަންގައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މަޝްރޫއުތައް މަޑުޖައްސައިލަނީ ރާއްޖެއަށް ދިމާވާ މާލީ ތާށިކަން ބޮޑުވެ މަޝްރޫއުތައް ރީ-ޕްރިއޮރަޓައިޒް ކުރުމަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީ އަށް ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.
މަޝްރޫއުތައް މަޑުޖައްސައިލަން އެދި ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީ އަށް މިއަދު ފޮނުވި ސިޓީ "އަދަދު" އަށް ވަނީ ލިބިފަ އެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުން މަޝްރޫއުތައް ހުއްޓައިލަނީ ވަގުތީ ގޮތުންނެވެ. އެއީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓުގައި ހިމެނޭ މަޝްރޫއުތައް ރީ-ޕްރިއޮރަޓައިޒް ކުރުމަށް އެކުލަވައިލި ޕްލޭންގެ ދަށުން އަޅާ ފިޔަވަޅެއް ކަމަށްވެސް މިނިސްޓްރީން އެމްޓީސީސީއަށް ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.
މިވަގުތު އެމްޓީސީސީއާ ހަވާލުކޮށްފައި ހުރި މަޝްރޫއުތަކުގެ ލިސްޓެއްވެސް ސިޓީއާއެކު މިނިސްޓްރީން ފޮނުވާފައިވެ އެވެ. އަދި އެ މަޝްރޫއުތައް "މިނިސްޓްރީން ވަކި އެއްޗެއް އަންގަންދެން ވަގުތީގޮތުން ކުރިއަށް ނުގެންގޮސް މަޑުޖައްސައިލުމަށް" ވަނީ އަންގާފަ އެވެ.













