ވެނެޒުއޭލާގެ ރައީސް ކަމަށް ތިންވަނަ ދައުރަކަށް ނިކޮލަސް މަޑޫރޯ، 61 އިންތިހާބުވެފައިވާ ކަމަށް އެ ގައުމުގެ އިލެކްޓޯރަލް އޮތޯރިޓީން ބުނެފި އެވެ.
އެގްޒިޓް ޕޯލްތަކުން ދެއްކި ގޮތުގައި އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ބެލެވުނީ އިދިކޮޅު ކެންޑިޑޭޓު އެޑްމުންޑޯ ގޮންޒާލޭޒް އެވެ. ނަމަވެސް އިންތިހާބުގެ ވަގުތީ ނަތީޖާއިން އެގްޒިޓް ޕޯލްއާ ހިލާފަށް މަޑޫރޯ ވަނީ ކާމިޔާބުކޮށްފަ އެވެ.
އިންތިހާބުގެ 80 ޕަސަންޓު ވޯޓު ގުނުނުއިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން މަޑޫރޯ ވަނީ 51 ޕަސަންޓު ވޯޓު ހޯއްދަވާފަ އެވެ. އޭނާއާ ވާދަކުރެއްވި އެޑްމުންޑޯއަށް ލިބުނީ 44 ޕަސަންޓު ވޯޓެވެ.

އިންތިހާބުގެ އިންސާފުވެރިކަމާ ގުޅޭގޮތުން އިދިކޮޅު ކެންޑިޑޭޓުން ސުވާލު އުފެއްދި ނަމަވެސް، މަޑޫރޯ ވިދާޅުވީ އިންތިހާބުގެ ކަންކަން މޮނިޓާކުރަން 900 އޮބްޒާވަރުން ހަރަކާތްތެރިވުމަކީ އިންތިހާބުގެ އިންސާފުވެރިކަން އެނގިގެންދާ ކަމެއް ކަމަށެވެ.
އިންތިހާބުގެ ނަތީޖާއާއެކު ކުރިއަށް އޮތް ހަ އަހަރު ވެނެޒުއޭލާގެ ވެރިކަން ކުރައްވާނީ އެ ގައުމުގެ ރައީސްކަމާ 2013 ގައި ހަވާލުވި މަޑޫރޯ އެވެ.










