ހުޅުމާލެ ދުވާރުމަތީގައި ވިޔަފާރި ކުރުމަށް ބަހައްޓާފައި ހުރި ގޮނޑިމޭޒުތައް ގިނަވެ، އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ވަނިކޮށް އެހެން ބަހައްޓާފައި ހުރި ހުރިހާ އެއްޗެއް ނަގަން އެޗްޑީސީން އަންގައިފި އެވެ.
އެޗްޑީސީން ނެރުނު އިއުލާނުގައި ވަނީ ދުވާރުތައް މަތީ ގޮނޑިމޭޒު ބަހައްޓައިގެން ވިޔަފާރި ކުރަމުން ދާތީ އެކަމުގެ ސަބަބުން އާންމުންނަށް އުނދަގޫ ވެގެން އެ އިދާރާއަށް ޝަކުވާ ލިބިފައިވާ ކަމަށެވެ.
އެޗްޑީސީން ބުނި ގޮތުގައި ހިނގާބިނގާވެ އުޅެން ދަތިވުމާއި، ސުކޫލު ހިމެނޭ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކުދިންނަށާއި ބެލެނިވެރިންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާ ކަމަށާއި އަދި ބޭއަދަބީ ބަސްތަކުން މުއާމަލާތުކުރާކަމުގެ ޝަކުވާތައް އާންމު ފަރާތްތަކުންނާއި ސުކޫލުތަކުން ޝަކުވާގެ ގޮތުގައި ހުށައަޅާފައިވެ އެވެ.
އެޗްޑީސީން ވަނީ ވިޔަފާރި ކުރުމުގައި ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް އަންގައި، ދުވާރުމަތީގައި ހުރި އެއްޗެހި ނުނަގައިފިނަމަ، ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅިގެން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިލްތިމާސްކޮށްފަ އެވެ.
މީގެ ކުރިން ވެސް ހުޅުމާލޭގައި ދުވާރުމަތީގައި ގޮނޑިމޭޒު ބަހައްޓައިގެން ވިޔަފާރި ކުރާ މައްސަލަ ބޮޑުވެގެން މިހެން ހުރި ހުރިހާ އެއްޗެއް އެޗްޑީސީން ނެގި އެވެ.











