ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް 2024 ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
މާދަމާ ކުރުނބާ މޯލްޑިވްސްގައި ބާއްވާ އެ އިވެންޓްގައި ރާއްޖޭގެ މާލީ އަދި އިޖުތިމާއީ ދާއިރާ ކުރިއެރުވުމާ ގުޅޭ އެންމެ ފަހުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމާބެހޭ ފަރާތްތަކާއި ތަޖުރިބާކާރުން ބައިވެރިވާނެ އެވެ.
ދިރާގުގެ ފައިނޭންޝަލް ކޮންޓްރޯލާ، އާދަމް އާތިފް ވިދާޅުވީ ދެމެހެއްޓެނިވި މާލީ އަދި އިޖުތިމާއީ ކުރިއެރުމަށް އެކި ތަޖުރިބާކާރުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތައް އެކުގައި މަސައްކަތްކޮށް އެންމެ ފަހުގެ މައުލޫމާތު ދެނެގަތުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
އެގޮތުން އެ މުހިންމު އިވެންޓަށް ޑިޖިޓަލް އެހީތެރިކަން ފޯރުކޮށްދީ، އެއްބާރުލުންދިނުމަކީ ލިބޭ ވަރަށް ބޮޑު އެފަލެއް ކަމަށް ދިރާގުން ބުނެ އެވެ.
2012 ވަނަ އަހަރުން ފެށިގެން ބާއްވާ އެ އިވެންޓަކީ ރާއްޖޭގައި އެންމެ ގިނަ ދުވަހު ބާއްވާ އަހަރީ ފައިނޭންސް ފޯރަމެކެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގެ އަސާސީ ދާއިރާތަކާއި ހިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދޭނެ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ، ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށް ފުރިހަމަކުރުމަށް އެ ކުންފުނިން ބުނެ އެވެ.











