މާލޭ އަމީނީ މަގުގައި ހުންނަ ގާކޮށި ފްލެޓުތަކުގެ ތިރީގައި ހިންގާ ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު އަނެއްކާ ވެސް ތަޅާލައިފި އެވެ.
ފުލުހުން ބުނީ އެތަނުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމުގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 4:32 ގައި ކަމަށެވެ. އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރެ އެވެ.
މި މަހުގެ 15 ވަނަ ދުވަހުގެ ރޭ މެންދަމު ވެސް ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅައިލި އެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކޭއެފްސީ އައުޓްލެޓަށް ވަނީ ކަޅުތެޔޮ ވެސް ޖަހައިފަ އެވެ. އެ ދެ މައްސަލައިގައި ވެސް މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމައެއް ނުކުރެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމާ ގުޅިގެން ކޭއެފްސީ ބޮއިކޮޓު ކުރުމަށް ގޮވާލައި މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓުގެ ބޭރުގައި، ލިޔުންތައް ހަރުކުރަން ފެށި އެވެ.
ފަލަސްތީނުގެ ރައްޔިތުން އިސްވެ ހިންގާ ބޮއިކޮޓް، ޑައިވެސްޓްމަންޓް، ސެންްކްޝަންސް (ބީޑީއެސް) ހަރަކާތުން ބޮއިކޮޓް ކުރާ ލިސްޓުގައިވެސް ކޭއެފްސީ ހިމެނެ އެވެ. އެއީ ކޭއެފްސީގެ މައިކުންފުނިން އިޒްރޭލަށް މާލީ އެހީ ފޯރުކޮށްދޭތީ އެވެ.

ބޮއިކޮޓު ހަރަކާތާ ހެދި ކޭއެފްސީއަށް ދަނީ މާލީ ގެއްލުންތަކެއްވެސް ކުރިމަތިވަމުންނެވެ. ބައެއް ގައުމުތަކުގައި އެ ބްރޭންޑުން ހިންގަމުންދިޔަ ރެސްޓޯރަންޓުތަކަށް ގެއްލުންވެ ވަނީ ބަންދުކުރަން ޖެހިފަ އެވެ.
ފްރެންޗަައިޒް އުސޫލުން ހިންގާ މި ރެސްޓޯރަންޓު ރާއްޖޭގައި ހިންގަނީ ގަމާ އައިލެންޑް ފުޑް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. މި ކުންފުނީގެ ހިއްސާދާރުންނަކީ އައިލެންޑް ފުޑް ޕްރައިވެޓް ލިމިޓެޑް ކިޔާ ދިވެހި ކުންފުންޏަކާއި އިންޑިއާގެ ގަމާ ޕިއްޒާކްރާފްޓް އޯވާސީސް ލިމިޓެެޑެވެ.












