އދ. ގެ އޮފީސް ފޯ ޑިޒާސްޓާ ރިސްކް ރިޑަކްޝަން (ޔޫއެންޑީއާރުއާރު) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އަދި މާލެ ސިޓީ ކައުންސިލް ގުޅިގެން ކާރިސާތަކުން ރައްކާތެރިވުމުގައި ވިލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށް ހާއްސަ ވޯކްޝޮޕެއް ބާއްވަން ނިންމައިފި އެވެ.
މި ވޯކްޝޮޕް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހު 21-22 އަށް މީރުމާ އިވެންޓްސް ކޮންފެރެންސް ސެންޓަރުގަ އެވެ. މިއީ އެންޑީއެމްއޭއިން އިސްވެ އެދިގެން ބާއްވަ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ކާރިސާތަކުން ރައްކާތެރިވުމަށް ވަރުގަދަ ޓީމުތައް އެކުލަވާލުމާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް ވިލުންތެރިކަން އިތުރުކުރުން ހިމެނެ އެވެ. އަދި, މިވަގުތު ހުރި ރިސޯސަސް ބޭނުންކުރުމާއި އަދި ފައިސާ މިފަދަ ކަންކަމުން ރައްކާތެރިވުމަށް ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ.
މި ވޯކްޝޮޕްގައި ސިޓީ ކައުންސިލާއި އެންޑީއެމްއޭ އަދި ދައުލަތުގެ އެހެނިހެން އިދާރާތައް ހިމެނޭހެން 35 ބައިވެރިން ބައިވެރިވާނެ އެވެ.
ބައިވެރިވާ މީހުންގެ ތެރޭގައި އާބަން ޑިވެލޮޕްމަންޓު ޕްލޭނިން ބޭފުޅުންނާއި, މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ ބޭފުޅުންނާއި, ފައިނޭންސިން އަދި ބަޖެޓިން ދާއިރާގެ ބޭފުޅުންގެ އިތުރުން އެހެނިހެން މުހިންމު ދާއިރާތަކުގެ ބޭފުޅުން ވެސް ހިމެނޭނެ އެވެ.













