ހުޅުމާލެ ޕޭވްމެންޓުތައް މަތީ ކެފޭ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުން ހުއްޓުވަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަސައްކަތް ކުރި ނަމަވެސް އެކަން ނުހުއްޓުމުން އާއްމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ހުޅުމާލެއަކީ ހިނގާ ބިނގާވެ އުޅެން ފަސޭހަ މާހައުލަކަށް ހެދުމަށް ޓަކައި މަގުތަކުގެ ދުވާރުތައް މަތީ، ކެފޭތަކުގެ މޭޒުތައް ޖަހައިގެން ހިދުމަތް ދިނުން ހުއްޓައިލަން އަންގައި އެޗްޑީސީން މިދިޔަ މޭމަހު ވެސް ބަޔާނެއް ނެރުނެވެ. އެ ބަޔާން ނެރުމުން އެ މައްސަލަ ދުވަސްކޮޅަކަށް ހައްލުވި ނަމަވެސް އޭރު އަޅަން ބުނި ފިޔަވަޅުތައް ތަންފީޒުނުކުރުމުން އެ މައްސަލަ މިހާރު ވަނީ އަނެއްކާ ވެސް ބޮޑުވެފަ އެވެ.
ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި އެކަކު ސުވާލުކުރީ އެޗްޑީސީ އިން ދުވާރުމަތީގައި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރި ކުރުން މަނައޭ ބުންޏަސް ބައެއް މީހުން އެކަންތައް އެގޮތަށް އެ ކުރަނީ ކިހިނެއް ވެގެންތޯ އެވެ. އެކަންތައް ކުރުމަށް ދޫކޮށްލާފައި އެވަނީ "އެޗްޑީސީއަށް އެމީހުން ކިހާވަރެއް ދީގެންތޯ" ވެސް ބައެއް މީހުން ސުވާލު އުފެއްދި އެވެ. އެކަންތައް އެގޮތަށް އެކުރަނީ ކޮން އުސޫލަކުން ތޯ ވެސް ބައެއް މީހުން އެޗްޑީސީއާ ސުވާލުކުރި އެވެ.
މިކަމާއި ގުޅޭގޮތުން އެޗްޑީސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ އެ ކޯޕަރޭޝަނުގެ ބަހެއް އަދި ނުލިބެ އެވެ.














