ސަރުކާރުންދޭ ސްކޮލޮޝިޕް އަދި ލޯން އަށް ހޮވިފައިވާ ދަރިވަރުންނަށް މިނިސްޓްރީގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރާތީ އެކަމަށް ސަމާލުވާން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ ސްކޭމް ކޯލްތައް ކުރަނީ ދަރިވަރުންގެ ވިސާ ހަމަޖެއްސުމަށް ކަމަށްށާއި ޓިކެޓު ނަގަން ބޭނުންވާ ރުފިޔާ ކުރިޔަށް ދައްކަން ޖެހޭނެ ކަމަށް ބުނެ އެވެ. އަދި ލޯންގެ ރުފިޔާ އާއި ސްކޮލޮޝިޕް ގެ ކަންކަން ހަމަ ޖެހޭނީ މިކަންތައް މިގޮތަށް ކުރުމުން ކަމަށް ވެސް އެ ކޯލްތަކުގައި ބުނާކަމަށް މިނިސްޓްރީ އިން ފާހަގަކުރި އެވެ.
ލޯނާއި ސްކޮލޮޝިޕްގެ އެއްވެސް ކަމަކާއި ބެހޭގޮތުން މުއާމަލާތު ކުރާނީ ދަރިވަރުންނަށް މެއިލް ކޮށްގެންނާއި އަދި ޕޯޓަލް މެދުވެރިކޮށް ކަމަށާއި ފޯނަށް ކޯލެއް އަތުވެއްޖެ ނަމަ، އެއީ މިނިސްޓްރީގެ މުވައްޒަފެއްކަން ޔަގީން ނުކޮށް އެއްވެސް މައުލޫމާތެއް ނުދޭން އިލްތިމާސްކުރާ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ދޭ އެއްވެސް ހިދުމަތަކަށް ދަރިވަރުންގެ އަތުން އަގު ނުނަގާނެ ކަމަށް ވެސް ބުންޏެވެ.












