ވީއޭއެމް ކަޕް: ޕޮލިސް ބަލިކޮށް ވެމްކޯ އަށް ޖެހިޖެހިގެން ހަތަރު ވަނަ ތަށި

Jul 13, 2024, 6:09 PM
ވެމްކޯގެ ކުޅުންތެރިން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އެސޯސިއޭޝަން ކަޕްގެ ތަށި އުފުލާލުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ވެމްކޯގެ ކުޅުންތެރިން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އެސޯސިއޭޝަން ކަޕްގެ ތަށި އުފުލާލުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ޕޮލިސް ކްލަބް 3-1 ސެޓުން ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) ކަޕްގެ އަންހެން ޑިވިޝަންގެ ތަށި އުފުލާލައިފި އެވެ.

ހަތަރު ފައިނަލުގައި ވެސް ވެމްކޯ އިން ބަލިކުރީ ޕޮލިސް ޓީމެވެ. އެ ގޮތުން، 2019 ވަނަ އަހަރުގެ ފައިނަލުގައި ވެމްކޯ އިން ޕޮލިސް ބަލިކުރީ 3-1 ސެޓުންނެވެ. އޭގެ ފަހުން، މިދިޔަ ދެ އަހަރު (2022 އާއި 2023 ގައި) ކުޅުނު ދެ ފައިނަލުން ވެސް ވެމްކޯ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި ފަހަރުގެ ފައިނަލުގައި ޕޮލިހުން ވަނީ ކުޅުން ރަނގަޅުކޮށް، ޖުމްލަކޮށް ވެމްކޯ އަށް އެކަށީގެންވާ ފައިޓެއް ދީފަ އެވެ.

މެޗުގެ ސެޓުތައް ދިޔައީ، 25-19، 25-23، 13-25 އަދި 25-21 އިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ފަށައިގެން، ވެމްކޯ އިން 6-0 އިން ލީޑެއް ނެގުމާ އެކު، ޕޮލިހުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ވަނީ ޓައިމް-އައުޓެއް ނަގައި، ޓީމުގެ މައްސަލަތައް ހައްލުުުކުރަން މަސައްކަތް ކޮށްފަ އެވެ. އޭގެ ނަތީޖާ ރަނގަޅަށް ފެނި، ޕޮލިހުން ވަނީ 12-12 އިން އެއްވަރުކޮށް، ފަހުން އެއް ޕޮއިންޓުގެ ލީޑެއް ވެސް ނަގައިފަ އެވެ. އެކަމަކު، ފަހުން 17-17 އިން އެއްވަރުވެ، އޭގެ ފަހުން، ވެމްކޯ އިން ރަނގަޅު ލީޑެއްގައި އޮވެގެން، ސެޓު ކާމިޔާބުކުރީ، 25-19 އިންނެވެ.

ފުރަަތަމަ ސެޓުގައި، ވެމްކޯގެ އައިމިނަތު އަރީޝާ އާއި އައިޝަތު މާޖިދާ (މާޖީ) އަދި ޖޫޒާން ޒަރީރް ވަނީ މުހިންމު ވަގުތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ވެމްކޯގެ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ރަނގަޅަށް މަސައްކަތްކޮށް ދެ ވަނަ ސެޓު ވެސް ކޮންޓްރޯލް ނަގައިގެން ކުޅެ، މި ސެޓު، 25-23 އިން ކާމިޔާބުކޮށް މެޗު ކާމިޔާބު ކުރުމުގެ އުންމީދު ބޮޑުކުރި އެވެ.

މިރޭގެ މެޗުގެ ތެރެއިން، ވެމްކޯ ޓީމުގެ އަރީޝާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

އެކަަމަކު، ދެ ވަނަ ސެޓުގެ ފަހުކޮޅުގައި، ވެމްކޯގެ ކުޅުންތެރިންގެ ފަރާތުން ފަރުވާ ކުޑަކޮށްުލުމުގެ ކަންތައްތަކެއް ޑިފެންސްގައި ފާހަަގަވެ، އޭގެ އަސަރު ތިން ވަނަ ސެޓުގައި އެ ޓީމަށް ވަރަށް ބޮޑަށް ކުރި އެވެ. އޭގެ ފައިދާ ޕޮލިހުން ވަރަށް ރަނގަޅަށް ނެގި އެވެ. ޕޮލިހުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) އާއި އެޓޭކަރު، ޝަހާ ޝާމިން ރަނގަޅު ކުޅުމެއް ދައްކައި، މި ސެޓުގައި، ޕޮލިހުންނަށް ކާމިޔާބު ހޯދައިދިނެވެ. ޕޮލިހުގެ ލިބަރޯ އަކަށް އެރި މާސާ ފާރޫގް ވަނީ އެ ޓީމަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާގެ ވެސް މަސައްކަތާ އެކު، ޕޮލިހުން މި ސެޓު، 13-25 އިން ކާމިޔާބުކުރި އެވެ.

ހަތަރު ވަނަ ސެޓު ފަށައިގެން ވެސް ޕޮލިހުގެ ކޮންފިޑެންސް ފެނުނީ ވަރަށް ރަނގަޅަށެވެ. އެ ޓީމުގެ ޑިފެންސް ވަރަށް ރަނގަޅަށް ފެނުނުއިރު، 10-14 އިން ކުރީގައި އޮއްވައި، ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ވަނީ ޓައިމްއައުޓެއް ނަގައިފަ އެވެ.

ޓައިމް އައުޓަށް ފަހު ކުޅެން އަރައި، ވެމްކޯ އިން ނަތީޖާ އަނބުރާލި އެވެ. އެއީ 15-14 އިންނެވެ. ނަތީޖާ އަނބުރާލުމުގައި އެ ޓީމުގެ މާޖިދާ ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެކަަމަކު، ޕޮލިހުން އަނެއްކާ ވެސް މަސައްކަތް ރަނގަޅުކޮށް، 15-16 އިން ލީޑެއް ނެގި އެވެ. އޭގެ ފަހުން، ދެން ވެސް، ފެނިގެންދިޔައީ، ދެ ޓީމަށް ލީޑުގައި އޮވެ، ރަނގަޅަށް މަސައްކަތް ނުކުރެވިދާތަނެވެ.

ވެމްކޯގެ ސެޓަރު ޖޫޒާން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ސެޓުގެ މެދަކާ ހަމައިން ފެށިގެން، ވަރަށް ހަމަހަމަކޮށް، ދެ ޓީމަށް ޕޮއިންޓް ލިބެމުންދިޔައިރު، ވެމްކޯ އިން ވަނީ 22-20 އިން ލީޑެއް ނަގައި، ހަަމަޖެހުމެއް ހޯދައިފަ އެވެ. އެއާ އެކު، ޕޮލިހުން ވަނީ ޓައިމް-އައުޓެއް ނަގައިފަ އެވެ. އެކަމަކު، ޓައިމްއައުޓަށް ފަހު ވެސް ވެމްކޯ ކުރީގެ ވަރުގަދަ ކުޅުން ދަމަހައްޓައި، 25-21 އިން ސެޓު ގެންގޮސްގެން، މެޗުން މޮޅުވި އެވެ. މި ސެޓުގެ ފަހު ކޮޅުގައި، ވެމްކޯގެ ޒުވާން ކުޅުންތެރިޔާ، މާޔާ ހުސެއިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ މާޖިދާ އެވެ.

ވެމްކޯގެ ކޯޗު އަދީލް ބުނީ ޖުމްލަކޮށް ބަލާއިރު އެ ޓީމުން ވަރުބަލިކަން އިހުސާސް ކުރެވުނު ވަގުތުތަކެއް ދިއުމުން ޕޮލިހަށް މެޗުގެ ތެރެއަށް ވަންނަން ފުރުސަތު ލިބުނަސް، ވެމްކޯ އިން ދެއްކީ ޗެމްޕިއަންކަން ހައްގުވާ ވަރުގެ ކުޅުމެއް ކަމަށެވެ.

ޕޮލިސް ޓީމުގެ ކޯޗު ފައްލޯ ބުނީ ވެމްކޯ އަކީ ވަރުގަދަ ޓީމެއް ކަން އެނގޭ ކަަމަށާއި އަދި އެއްކޮށް ގިނަ މުބާރާތްތަކެއް ކުޅެފައި ތިބި ކުުޅުންތެރިންތަކެއް ތިބުމުން އެ ޓީމަށް އޭގެ ފައިދާތަކެއް ފެނިގެންދިޔަ ކަމަށެެވެ. އަދި އެ ލެވަލްގެ ޓީމަކާ ދެކޮޅަށް ކުޅެވޭ ވަރަށް އެއްކޮށް، ޕޮލިސް ޓީމަށް ޕްރެކްޓިސް ނުކުރެވުމުން، އޭގެ އުނދަގޫތަކެއް ކުރިމަތިވި ކަމަށް ފައްލޯ ފާހަގަކުރި އެވެ.

ޑްރީމް ޓީމުގައި ހިމެނެނީ، ވެމްކޯގެ މާޖިދާ، ޕޮލިހުގެ ހައްވަ، ޕޮލިހުގެ މަރިޔަމް އަޒުމާ، ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަންގެ އައިމިނަތު ރިޔާޝާ، ވެމްކޯގެ ޖޫޒާން، ވެމްކޯގެ މާޔާ، ވެމްކޯގެ ފައިހާ މުހައްމަދު އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް، ޕޮލިހުގެ މާސާ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު އަދީލް އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ، މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ، ވެމްކޯގެ މާޖިދާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox