އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނު، މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު، އަނަންތު އަމްބާނީގެ ކައިވެނި ހަފުލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފި އެވެ.
ގަރުނުގެ އެންމެ އަގު ބޮޑު ކައިވެނި ހަފުލާ ކަމަށް ބުނަމުން އަންނަ މި ހަފުލާގައި ދުނިޔޭގެ ނަން މަޝްހޫރު ސެލެބްރިޓީންގެ އިތުރުން ސިޔާސީ މައިދާނުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތައް ވެސް ބައިވެރިވި އެވެ.
އޭގެ ތެރޭގައި އިނގިރޭސި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ޓޯނީ ބްލެއާ އާއި ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ސްޓީވަން ހާޕާ ހިމެނިވަޑައިގަންނަވަ އެވެ.
މި ހަފުލާގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ނަޝީދު ރަސްމީކޮށް ވިދާޅުނުވީ ނަމަވެސް އެމަނިކުފާނު ގެންގުޅުއްވާ ކަމަށް ގަބޫލުކުރެވިފައިވާ ނުރަސްމީ އެކައުންޓަކުން އަމްބާނީ ކައިވެނީގެ ބައެއް މަންޒަރުތައް ހިއްސާކުރައްވާފައިވެ އެވެ.
އަނަންތު އަމްބާނީ އާއި ރަދިކާ މާޗަންޓުގެ ކައިވެންޏަށް ދުނިޔޭގެ މީޑިއާގެ ސަމާލުކަން ހުއްޓިފައިވާއިރު، އޭނާގެ ބައްޕައަކީ މުޅި އޭޝިއާގައި ވެސް ހުރި އެންމެ މުއްސަނދި މީހާ އެވެ. ފޯބްސްއިން އަންދާޒާކުރާ ގޮތުގައި އޭނާގެ މިލްކިއްޔާތު 123 ބިލިއަން ޑޮލަރަށް ވުރެ ބޮޑެވެ.










