މާމިގިލި ފަޅުތެރޭގައި ޕިކްނިކް އައިލެންޑްއެއް ތަރައްގީކުރުމަށް ޓަކަ އީ.އައި.އޭ ހަދާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.
މާމިގިލީ ކައުންސިލްގެ އިދާރާ އިއްޔެ ކުރި އިއުލާނުގައި ވާ ގޮތުން އެރަށުގެ އުތުރުފަރާތު ފަޅުތެރޭގައި ހިއްކަން އުޅެނީ ދިގުމިނުގައި 250 ފޫޓް އަދި ފުޅާ މިނުގައި 150 ފޫޓު ހުންނަ ވަރުގެ ރަށެކެވެ. އެއީ އެރަށުގެ ރައްޔިތުންނަށް އަދި އެރަށުގެ ޓޫރިޒަމަށް ބޭނުންހިފޭގޮތަށް ތަރައްގީކުރާ ރަށެއް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އީ.އައި.އޭ ހަދާނެ ބަޔަކު ހޯދަނީ އެ ރަށް ހިއްކުމުގެ އިތުރުން އެރަށުގެ ވަށައި ހިލަޖެހުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ޓަކަ އެވެ.
އެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން 25 ޖުލައި، 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މާމިގިލި ކައުންސިލަށް ގޮސް އަންދާސީ ހިސާބު ހުށަހަޅަން އެ އިއުލާނުގައި އެދިފައި ވެއެވެ. އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.













