އިސްލާމީ ޝަރީއަތާ ގުޅުން ހުރި މުހިންމު ފޮތްތަކެއް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ ބޮޑު މަޝްރޫއެއް ފަށަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެއީ އިސްލާމީ ޝަރީއަތާ ގުޅޭ ގޮތުން ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ދީނީ ދާއިރާތަކުން ކިޔަވާ ފަރާތްތަކަށް ބޭނުންވާ އިސްލާމީ އިލްމުގެ ވަރަށް މުހިންމު ރެފެރެންސް ފޮތްތަކެއް ކަމަށެވެ.
އެ ފޮތްތައް ތަރުޖަމާ ކުރުމުގެ މަސައްކަތުގައި ވަކިވަކި މީހުނާއި ޓީމުތަކާއި ކޮލެޖުތަކާއި ދިރާސާކުރާ އެކި މަރުކަޒުތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.
"މިއ މި ގޮތުން އިއުލާން ކުރެވޭ އެންމެ ބޮޑު މަޝްރޫއު،" މީގެ ކުރިން ވެސް ދެ ސަރުކާރެއްގައި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ ޝަހީމް ލިޔުއްވާފައިވެ އެވެ.
އެ މަސައްކަތުގެ ބީލަމަށް ހުޅުވާލައި މިނިސްޓްރީން ކުރި އިއުލާނުގައި ބުނަނީ ބީލަމަށް ރަޖިސްޓްރީކުރަން ހުޅުވާލާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.













