ޕީޖީގެ ހެއްކެއް ގޮތަށް ހާޒިރުވެ ލަމްހާގެ ދައްތަ ހެކިބަސް ދީފި، އެކަމަކު ޕީޖީން ބޭނުންވި ގޮތަކަށް ނޫން

ޕީޖީގެ ހެއްކެއް ގޮތަށް ހާޒިރުވެ ލަމްހާގެ ދައްތަ ހެކިބަސް ދީފި، އެކަމަކު ޕީޖީން ބޭނުންވި ގޮތަކަށް ނޫން

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން، އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މެރީ ގްރޭސް މަރާލި ކަމަށް ބުނާ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަލީމަތު އަބްދުއްރަހުމާނުގެ ދައްތަ ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހާޒިރުވެ އެންމެ ފަހުން މިއަދު ޝަރީއަތަށް ހެކިބަސް ދީފި އެވެ.

މޭރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު، އެ ކަން ކުރީ އޭނާގެ ފިރިމީހާ މާވިން އާއި މާވިންގެ ލޯބިވެރިޔާ ލަމްހާ ކަމަށް ދައުލަތުން ބުނެ އެވެ. މާވިން އާއި ލަމްހާއަކީ ވެސް އައިޖީއެމްއެޗްގެ ނަރުހުންނެވެ.

މި މައްސަލާގައި ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުށަހެޅި ހެކިވެރިން ހާޒިރުކޮށް ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. މީގެ ކުރިން ވެސް ދައުލަތުން ހުށަހަޅާފައިވާ ހެއްކެއްގެ ގޮތުގައި ހާޒިރުވުމަށް ލަމްހާގެ ދައްތައަށް ނޯޓިސް ފޮނުވި ނަމަވެސް ހާޒިރުވެފައެއް ނުވެ އެވެ.

އެންމެ ފަހުން ހައްޔަރުކޮށްގެން ވެސް ހެކިވެރިޔާ ހާޒިރުކުރުމަށް ޕީޖީން އެދިފައިވަނިކޮށް މިއަދު ލަމްހާގެ ދައްތަ ވަނީ ޝަރީއަތަށް ހެކިބަސް ދީފަ އެވެ. ލަމްހާގެ ދައްތަ ވަނީ ކުރިން ފުލުހުންގެ ތަހުގީގަށް ވެސް ބަޔާނެއް ދީފަ އެވެ.

ބަޔާނުގައި ހުރި ބައެއް ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ތަފުސީލީ ޖަވާބެއް ނުދޭތީވެ އޭނާއަށް ބަޔާން ދެއްކުމަށް ވެސް ދައުލަތުން މިއަދު އެދުނެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ނިންމެވީ ބަޔާން ދައްކަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

ހެކިބަސް ދެމުން ލަމްހާގެ ދައްތަ ބުނީ މޭރީ މަރުވި ދުވަހު އޭނާއާއި މާވިންގެ ދަރިފުޅު ގޮވައިގެން ލަމްހާ ދިރިއުޅޭ ގެއަށް މާވިން އައި ކަމަށެވެ. އެ ގޭގައި އުޅެނީ ލަމްހާ އާއި އޭނާގެ ދައްތަގެ އިތުރުން އެ ދެ މީހުންގެ މަންމަ، އަދި ލަމްހާ ދައްތަގެ ދަރިފުޅެވެ.

މާވިން އާއި ލަމްހާއާ ދެމެދު އޮންނަ ގުޅުމާ ގުޅޭ ގޮތުން ފުރަތަމަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ލަމްހާގެ ދައްތަ ބުންޏެވެ. މޭރީ މަރުވި ދުވަހު ދަރިފުޅު ގެނައީ ކީއްކުރަން ކަމެއް ވެސް ނާޙާ ކަމަށެވެ. އަދި މާވިނާ މާ ގިނައިން ވާހަކަ ނުދައްކާ ކަމަށް ބުންޏެވެ.

ލަމްހާގެ ދައްތަ ބުނި ގޮތުގައި އެ ކަންކަން ނާހަނީ އެއީ އެ ދެ މީހުންގެ ދެމެދު އޮތް ޒާތީ ކަމެއް ގޮތަށް ދެކޭތީ އެވެ. ނަމަވެސް ނޫސްތަކުގައި މާވިނާ ގުޅޭ ގޮތުން ހަބަރުތައް ފެންނަން ފެށުމުން ލަމްހާ ކައިރީގައި ސުވާލުކުރި ކަމަށާއި ސުވާލު ކުރުމުން ލަމްހާއާ ލޯބީގެ ގޮތުން މާވިން ގުޅިގެން އުޅޭ ކަން ބުނި ކަމަށް އޭނާގެ ދައްތަ ބުންޏެވެ. އަދި އެ ކަމާ މޭރީ ހިތްހަމަނުޖެހިގެން އުޅުނު ކަމަށް ވެސް ބުންޏެވެ.

ބަޔާނުގައި ހުރި ގިނަ ވާހަކަތައް ލަމްހާގެ ދައްތަ ނުބުނާތީވެ އެއްބާރުލުން ނުދޭ ކަމަށް ވެސް ދައުލަތުގެ ވަކީލުން ޝަރީއަތުގައި ވިދާޅުވި އެވެ. ލަމްހާގެ ދައްތައަކީ ދިފާއީ ވަކީލުން ވެސް ހުށަހަޅާފައިވާ ހެއްކެކެވެ. ދިފާއީ ވަކީލުންނާ ވެސް ވާހަކަ ދައްކަމުން ދިޔައީ އެހެންވެ ކަމަށް ލަމްހާގެ ދައްތަ ބުންޏެވެ.

ފުރަތަމަ ލަމްހާއާ ދެކޮޅަށް ހެކިބަސް ދޭން ޖެހޭ ހެކިވެރިއެއް ގޮތަށް ހާޒިރުވާން ދެކޮޅު ހެދި ކަން ވެސް ލަމްހާގެ ދައްތަ މިއަދު ބުންޏެވެ. ނަމަވެސް ވަކި ގޮތަކަށް ހެކިބަސް ދޭން ދައުލަތުން ނާންގާނެ ކަމަށް ބުނުމުންނާއި އެއްބާރުލުން ދިނުމަށް ލަމްހާގެ ވަކީލުން ވެސް އެދުމުން މިއަދު ޝަރީއަތަށް ހާޒިރުވީ ކަމަށް އޭނާ ބުންޏެވެ.

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.

އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

މި ދައުވާތަކަށް ލަމްހާ އާއި މާވިން އިންކާރު ކުރުމުން، ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އެ މީހުނާ ދެކޮޅަށް ދައުލަތުން 70 އަށް ވުރެ ގިނަ ހެކިވެރިން ހުށަހަޅާފައިވެ އެވެ. ދިފާއުގައި މާވިން އަދި ލަމްހާ ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox