މަޖިލިސް ކުރިމަތިން އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ފައިރޫޒު އިބްރާހިމް، 36އ، ހ. ފޯސީޒަން، ކ. މާލެ އެވެ. އޭނާއަކީ މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހެކެވެ. ފައިރޫޒުގެ މައްޗަށް ކުރަނީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕީޖީ އޮފީހުން ފޮނުވުމުން ކްރިމިނަލް ކޯޓުން މިއަދު ކުރި އަމުރުގައި ވަނީ ސައިކަލުތަކުގައި ރޯކޮށްލި ކަމުގެ ތުހުމަތު ފައިރޫޒުގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށާއި ރިމާންޑު ޖަލެއްގައި ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް އަމުރު ކުރާ ކަމަށެވެ.
ރިމާންޑު ޖަލެއްގައި ފައިރޫޒު ބަންދު ކުރަން އަމުރު ކޮށްފައި ވަނީ އޭނާއަކީ ސާޖަރީއެއް ކޮށްފައިވާ މީހެއް ކަމަށް ވާތީ އެވެ. އަދި ބަންދުގައި ހުންނަ މުއްދަތުގައި އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދޭކަން ޕްރޮސެކިއުޝަނުން ކަށަވަރު ކުރަންވާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައިވެ އެވެ.
ބަންދުގެ މުއްދަތުގައި އެކަށީގެންވާ ފަރުވާ ފައިރޫޒަށް ފޯރުކޮށް ނުދޭނަމަ ބަންދު މުރާޖައާ ކުރަން ހުށަހަޅަންވާނެ ކަން ވެސް ކޯޓުން ވަނީ ޕީޖީއަށް އަންގައިފަ އެވެ.

އެ މައްސަލައިގައި ފުލުހުން ހެކީގެ ގޮތުގައި ސީސީޓީވީ ފުޓޭޖާއި ސްނެޕްޝޮޓު ވެސް ފުލުހުން ހުށަހަޅައިފައިވެ އެވެ.
މަޖިލިސް ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލީ މިދިޔަ ޖޫން 4، ގެ ރޭ ދަންވަރު 3:03 ހާއިރު އެވެ. އެ ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ހަތް ސައިކަލަކާއި ވޭނަކަށް ގެއްލުންވި އެވެ. އޭގެތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ މިންވަރަށް އަނދާފައިވާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.
އަލިފާނުގެ ހާދިސާގައި ހަލާކުވެފައި ވަނީ ކޮން ބައެއްގެ ސައިކަލްތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.













