ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެ ބިލު ކަމަށްވާމ, ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލާއި ދައުލަތުގެ ދަރަންޏާ ބެހޭ ބިލު މަޖިލީހަށް ބަލައިގަނެއް މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
މިއަދު ބޭއްވި ޖަލްސާގައި ނެގި ވޯޓުގައި މި ދެ ބިލު ބަލައިގަތުމަށް ވެސް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލުތައް ދިރާސާކޮށް ބަދަލެއް ގެންނަން ޖެހޭނަމަ ގެންނާނީ މާލިއްޔަތު ކޮމިޓީންނެވެ.
ފިސްކަލް ޒިންމާގެ ބިލު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. ދަރަންޏާ ބެހޭ ބިލު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ.
ފިސްކަލް ޒިންމާގެ ބިލުގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ، ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލު ކުރެވޭނެ ގޮތަށް، ދެފުށް ފެންނަ ޒިންމާދާރު ގޮތެއްގައިކަން ކަށަވަރު ކުރުމެވެ.












