ކެންޔާގައި ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ޒުވާނުން އިސްނަގައިގެން ފެށި މުޒާހަރާގައި މިހާތަނަށް 27 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާގޮތުން ކެންޔާގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގައި މަރުވި 27 މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖަކު ވެސް ހިމެނޭއިރު، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުން ކުރުމުގެ ގޮތުން ބަޑި ވެސް ވަނީ ޖަހާފަ އެވެ.
ކެންޔާގެ ސަރުކާރާ ދެކޮޅަށް ފެށި ވަރުގަދަ މުޒާހަރާތަކާއެކު އެ ގައުމުގެ ސަރުކާރުން ވަނީ ޓެކްސް ބޮޑު ނުކުރާނެކަން އިއުލާން ކޮށްފަ އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން މިހާރު ޑިމާންޑު ކުރަމުން އަންނަނީ އެ ގައުމުގެ ރައީސް ވިލިއަމް ރުޓޯ އިސްތިއުފާ ދިނުމަށެވެ.
މުޒާހަރާތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވުމުން، މުޒާހަރާ ކޮންޓްރޯލު ކުރުމަށް އެއްވެސް ކަހަލަ ވަޒަނެއްގެ އިތުރުން ކަރުނަ ގޭސް ބޭނުން ނުކުރުމަށް އެ ގައުމުގެ ހައި ކޯޓުން ވަނީ ސަލާމަތީ ބާރުތަކަށް އަމުރުކޮށްފަ އެވެ.
ކެންޔާގައި ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަވަމުން ދިޔުމާ ގުޅިގެން އެ ގައުމުގެ ސަރުކާރަށް އެތެރެއިންނާއި ބޭރުން އަންނަނީ ބޮޑެތި ޕްރެޝަރުތައް ކުރިމަތިވަމުންނެވެ.










