ކެންޔާގައި ނަގަމުންދާ ޓެކްސްތަކުގެ ރޭޓުތައް ބޮޑުކުރުމަށް އެ ގައުމުގެ ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއްކޮށް ފުލުހުންނާއި އާންމުން ކުރިމަތިލުމާ ގުޅިގެން އެ ބިލު ތަސްދީގު ނުކުރާނެ ކަމަށް އެ ގައުމުގެ ރައީސް ވިލިއަމް ރޫޓޯ ވިދާޅުވެއްޖެ އެވެ.
އެ ގައުމުގެ ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމީ ދަރަނި ދެއްކުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. މި ބިލު ގެ ސަބަބުން އާންމުން އުފުލަން ޖެހޭ ބުރަ ބޮޑުވާނެ ކަމަށް ބުނެ އެތައް ބަޔަކު މަގުތަކަށް ނުކުުމެ ވަނީ މުޒާހަރާކޮށްފަ އެވެ.
އެ މުޒާހަރާތައް ހޫނުވެ އެ ގައުމުގެ މަޖިލީހަށް އާންމުން ވަދެގަނެ އެތަނުގައި ވަނީ ހުޅުވެސް ޖަހާފަ އެވެ. މުޒާހަރާ ކުރާ މީހުން ހުއްޓުވުމަށް ސަރުކާރުން ސިފައިން ނެރެ އާންމުންނާ ވަނީ ކުރިމަތިލާފަ އެވެ.

މިއީ ކެންޔާގެ ސަރުކާރާ ދެކޮޅަށް ފަހުގެ ތާރީހެއްގައި ބޭއްވި އެންމެ ބޮޑު މުޒާހަރާތައް ކަމަށްވާއިރު އާންމުންގެ ތެރެއަށް ބަޑި ޖެހުމާ ގުޅިގެން 22 މީހުން ވަނީ މަރުވެފަ އެވެ. އަދި, 200 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަަނިޔާތައް ލިބިފަ އެވެ. އެކަމާ ގުޅިގެން 50 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.







