ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ "ގާތްވުމަށް" ސިހުރު ހެދިކަމުގެ ތުހުމަތުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކުރި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
'އަދަދު' ނޫހަށް މިކަން ކަށަވަރުކޮށްދިން ސަރުކާރުގެ އޮފިޝަލު ވިދާޅުވި ގޮތުގައި އޭނާ ހައްޔަރު ކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އޭނާގެ މުއްދަތު ޖެހުމަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓަށެވެ.
ޝަމްނާޒްއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އޭނާ ވަރިކޮށްފައި ހުރިކަން އެނގުނީ ހައްޔަރު ކުރި ހަބަރު ޝާއިޢުކުރުމާ ގުޅިގެންނެވެ.
ޝަމްނާޒް ހައްޔަރު ކުރުމުގެ ކުރިން އޭނާ އާއި އާދަމް ރަމީޒު ދިރިއުޅެމުންދިޔަ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި ފުލުހުން އެ ގެއިން ބައެއް ސާމާނު ވެސް ގެންގޮސްފައިވާކަމަށް 'އަދަދު' ނޫހަށް ކަށަވަރުވެފައި ވެ އެވެ.
ޝަމްނާޒް ކުރިން މަސައްކަތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރު މުލީއާގޭގަ އެވެ. ނަމަވެސް މިފަހުން އޭނާ ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ.

ރައީސް މުއިއްޒުއާ ގާތްވުމަށް ސިހުރުު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރު ކުރިއިރު، އޭނާގެ ކުރީގެ ފިރިކަލުން އާދަމް ރަމީޒު "އެކަހެރި" ކޮށްފައިވާކަމުގެ އަޑުތައް ވަނީ ގިނަވެފަ އެވެ.
ރައީސް މުއިއްޒުއާ ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި އާދަމް ރަމީޒް، ރައީސްއާ އެއްކޮށް ނުފެންނަތާ މަސްތަކެއްވެއްޖެ އެވެ.
ޝަމްނާޒް ހައްޔަރު ކުރިއިރު، އޭނާގެ ތިން ކުދިން ތިބެ އެވެ. އޭގެ ތެރޭގައި އުމުރުން އެއް އަހަރު ނުފުރޭ ތުއްތު ކުއްޖަކު ވެސް ހިމެނެ އެވެ.
ޝަމްނާޒުގެ އިތުރުން މި މައްސަލައިގައި އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ އަކާއި، ސިހުރުވެރިޔާ ކަމަށް ތުހުމަތުވާ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.













