ޔޫރޯ އަދި ވޯލްޑް ކަޕްގެ ކޮންމެ މުބާރާތަކަށްވެސް ހާއްސަ ބޯޅަ ތައާރަފްކުރެ އެވެ. އަދި ކޮންމެ އަހަަރަކުވެސް މި ބޯޅަތަކަށް ބޮޑު ސަމާލުކަމެއް ލިބެ އެވެ. މުބާރާތުގެ ބޯޅައާ މެދު ބަހުސްކުރުމަކީ މިހާރު މުބާރާތުގެ ވެސް ބައެކެވެ. ކޮންމެ ބޯޅަ އަކީ ބަލާލަން ރީތިވިޔަސް، ކުޅުންތެރިންނާއި ކޯޗުންނަށް ކަމުދާ ބޯޅަތަކެއް ނޫނެވެ. ބޯޅަ ފަސޭހަވިޔަސް، ބައެއް ފަހަރުން ސަޕޯޓަރުންނަށް ކަމުނުދަނީ ޑިޒަައިންއާ މެދު ހިތްހަމަނުޖެހޭތީ އެވެ.
މި އަހަރުގެ ޔޫރޯ އަށް އެޑިޑާޑްސް އިން ހެދީ "ފުސްބަލީބޭ" ނަމަކަށް ކިޔާ ބޯޅަ އެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެޑިޑާޑްސް އިން ތައްޔާކުރި ބޯޅައެކެވެ. ޖަރުމަން ބަހުން ހެދި މި ނަމުގައި އެކުލެވޭ ދެ ބަހުގެ މާނައަކީ "ލޯބި" އަދި "ފުޓްބޯލް"އެވެ.
މި ބޯޅަ ތައްޔާރުކޮށްފައިވަނީ ތިމާވެއްޓާ ރައްޓެހި ގޮތަަކަށެވެ. މި ބޯޅަ ހެދުމަށް ރީސައިކަލްކޮށްފައިވާ ޕޮލިސްޓާ އާއި ފެން ހިމެނޭ ދެލި އަދި އެހެން ތަކެތި ބޭނުންކޮށްފައިވެ އެވެ.
އެންމެ ހާއްސަކަމަކީ މި ބޯޅައިގައި ހިމެނޭ ޓެކްނޮލޮޖީ އެވެ. މި ބޯޅައިގައި ހިމެނޭ ޗިޕްއެއްގެ އެހީގައި، މި އަހަރުގެ ޔޫރޯގައި ސެމީ އޮޓަމޭޓަޑް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރުމުގައި އިތުރު ފުރިހަމަކަމެއް ލިބޭނެ އެވެ. އަދި މީގެ އިތުރުން ހޭންޑްބޯލް ނިންމުންތަކުގައި މި ޗިޕްގެ ސަބަބުން ރެފްރީންނަށް ފަސޭހަވާނެ އެވެ. ބޯޅަ ކުޅުންތެރިއެއްގެ ގައިގައި ޖެހިލާއިރު، މި ޗިޕް މެދުވެރިކޮށް އެކަން އެނގޭނެ އެވެ.

ކުޅުންތެރިންނަށް ބޯޅަ ކަމުގޮއްސި
މި އަހަރުގެ ޔޫރޯގައި ފާހަގަވެފައިވާ އެއް ކަމަކީ ދުރުން ކާމިޔާބުކުރާ ހިތްގައިމު ލަނޑުތައް ގިނަވުމެވެ. ޔޫރޯގައި އެންމެ ފުރަތަމަ ޖެހި 42 ލަނޑުގެ ތެރެއިން 12 ލަނޑު ޖަހާފައިވަނީ ޕެނަލްޓީ އޭރިޔާ ބޭރުންނެވެ. މިއީ 2008 އަދި 2012 ވަނަ އަހަރުގެ ޕެނަލްޓީ އޭރިޔާ ބޭރުން ޖެހި ލަނޑުތަކާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
ވޯލްޑް ކަޕް 2006 އިން ފެށިގެން މިހާތަނަށް ބޭއްވި ވޯލްޑް ކަޕް އަދި ޔޫރޯގައި ޖެހި ލަނޑުތަކުގެ ތެރެއިން ދުުރުން ޖަހާފައިވާ ލަނޑަކީ 13 ޕަސެންޓެވެ. މި އަހަރުގެ މުބާރާތުގައި މިހާތަނަށް ޖެހި ލަނޑުތަކުގެ ތެރެއިން 28.6 ޕަސެންޓް ލަނޑު ޖަހާފައިވަނީ ދުރުންނެވެ.
އެހެންކަމުން، މި ތަފާސް ހިސާބުތަކަށް ބަލާއިރުވެސް މި އަހަރުގެ މުބަރާތުން ތަފާތު ތަކެއް ފެނެ އެވެ.
މި ބޯޅަ ހެދުމަށް ބޭނުންވާކޮށްފައިވާ ތަކެއްޗާއި، ބައްޓަންކޮށްފައިވާ ގޮތުން، މި ބޯޅައަކީ ކުޅުންތެރިންނަށް ޖަހާލަން ފަސޭހަ ބޯޅައެކެވެ.
ގިނަ ކުޅުންތެރިންނަށް ބޯޅަ ކަމުދެއެވެ. ހާއްސަކޮށް ފޯވަޑުންނަށެވެ. ސާބިއާގެ ފޯވަޑް ޑުސާން ވްލަހޮވިޗް ބުނީ މި ބޯޅާއަކީ "ބުނާ ބަސް އަހާ" ބޯޅައެއް ކަމަށެވެ.
އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނީ މި ބޯޅަ އަކީ ޖަހާލަން ވަރަށް ފަސޭހަ ބޯޅައެއް ކަމަށެވެ.
"އަހަންނަށް ހީވަނީ މި ބޯޅައާމެދު ފޯވަޑުން ވަރަށް ހިތްހަމަޖެހޭހެން ހީވޭ. އެހެންވީމަ އަހަރެންގެ މައްސަލައެއް ނެތް،" ކޭން ބުންޏެވެ.
އެޑިޑާސް އިން ވަނީ ކުޅުންތެރިންގެ ފަރާތުން މި ލިބޭ ފީޑްބެކްގެ އެހީގައި ދެން ހަދާ ބޯޅަތަަކުގައި ވެސް ތަފާތު ކަންތައްތަކެއް ހިމަނަން ނިންމައިފަ އެވެ.












