މާލޭގައި ވަގުންގެ ބޮޑު ނެޓްވޯކެއް އޮތް ކަމަށް "އަދަދު"ން ރިޕޯޓްކުރުމުން، އެއީ "މީގެ 10 މަސް ދުވަސް ކުރިން ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލުމުން" ވީ ގޮތެއް ކަމަށް ވިދާޅުވެ، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކަން ކުރީގެ ސަރުކާރާ ގުޅުވައިލެއްވުމުން މީހުންގެ ފާޑުކިއުން ފުލުހުންނަށް އަމާޒުވެއްޖެ އެެވެ.
"މާލޭގައި ވަގުންގެ ބޮޑު ނެޓްވޯކެއް، ހުއްޓުވޭނެ ގޮތެއް ނެތް!" މި ސުރުހީގެ ދަށުން "އަދަދު" ގައިި މިއަދު ޖެހި ރިޕޯޓް ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރައްވަމުން ޝިފާން ވިދާޅުވީ އެއީ "ހިތި ހަގީގަތް" ކަމަށް ފުލުހުން ގަބޫލު ކުރާ ކަމަށެވެ.
އެހެން މެދުވެރިވި ސަބަބެއްގެ ގޮތުގައި ޝިފާން ވިދާޅުވީ މީގެ 10 މަސް ކުރިން ޖަލުން ދޫކޮށްލި 454 އެއްހާ މީހުން މުޖުތަމައަށް ދޫވެފައި ތިބުމެވެ.
"434 މީހުންގެ ބޮޑު [ކުށްވެރިންގެ] އާބާދީއެއް، މީގެ 10 މަސް ދުވަހުގެ ކުރިން އެމްސީއެސް އިން ދޫކޮށްލުމާއި، ޒަމާނާ އެކީގައި އުމްރާނީ ތަރައްގީގެ ބިނާތަކެއް ނުލިބުމުގެ ސަބަބުން، އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑު [ކުށުގެ] ކާރިސާއެއްގައި،" ޝިފާން ލިޔުއްވާފައިވެ އެވެ.
ޝިފާންގެ އެ ޕޯސްޓަށް އެކްސްގައި ޖަވާބުދިން ބައެއް މީހުން ބުނީ އެއީ "މާނައެއް ނެތް ބަހަނާއެއް" ކަމަށެެވެ. ބަހަނާއެއްގެ ގޮތުގައި "ކުރީ ސަރުކާރު" ގެ ވާހަކަ ދައްކާނީ ކިހާ ދުވަހެއް ވަންދެންތޯ ވެސް ބައެއް މީހުން ސުވާލުކުރި އެވެ.

"ކުރީގައި ވީކަމެއްގެ ވާހަކަ ދައްކައިގެން މޮޅެއް ނެތް! ޙައްލު ނޭންގެންޏާމުން، ބޮޑުމުސާރަ ނެންގެވުމުގެ ބޭނުމެއް ނެތެއްނޫންތޯ؟" ޝާރިފްގެ ނަމުގައި އޮތް ހޭންޑުލް އަކުން ޝިފާނަށް ރައްދު ދެމުން ލިޔެފައި ވެ އެވެ.
މުހައްމަދު ޝަރީފުގެ ނަމުގައި ޝިފާންގެ ޕޯސްޓަށް ރައްދުދިން މީހަކު ބުނީ ޝިފާންގެ ބަހަނާގައި ، ޒިންމާދާރުކުރުވުމެއް އަދި ޒިންމާ ނެގުމެއް ވެސް ނެތުމަކީ "ވަރަށް ހިތްހަމަނުޖެހޭ ކަމެއް" ކަމަށެވެ.
ކުރިން ދޫކުރި މީހުންގެ ތެރެއިން (އަލުން) ހައްޔަރުކުރީ ކިތައް މީހުންތޯ އެހެން މީހަކު ސުވާލުކޮށްފައި އޮތެވެ.
އިސްމާއީލް އާދަމްގެ ނަމުގައި ޝިފާންގެ ޕޯސްޓަށް ރައްދުދިން މީހަކު ބުނީ ފުލުހުން ބޭނުން ވާ ނަަމަ ވަގުންގެ ނެޓްވޯކް ހުއްޓުވޭނެ ކަަމަށެވެ. ފުލުހުންނަކީ "ސިޔާސީ ނުފޫޒުގައި ޖެހިފައި ތިބި ކަންނެތް ބައެއް" ކަަމަށް ވެސް އޭނާ ތުހުމަތުކުރި އެވެ.












