މިއަދު ފެށި އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ބައެއް މެޗުތައް މީގެ ކުރިން، ހެނދުނު ކުޅޭގޮތަށް އޮތް ނަމަވެސް އެ މެޗުތައް އެ ވަގުތު ނުކުޅެ ޝެޑިއުލަށް ބަދަލު ގެނެސްފި އެވެ.
ޖުމްލަ އަށް ޓީމާ އެކު، މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕް، މިއަދު ހެނދުނު ފެށީ ޓީސީ ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުންނެވެ. މިއަދު 8 ޖެހިއިރު ފެށި އެ މެޗުގައި 25 މިނިޓަށް ފަހު ވަނީ ވޯޓާ ބްރޭކެއް ނަގައިފަ އެވެ. މެޗުން މޮޅުވީ 1-0 ޓީސީ އެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތައް ހެނދުނު ކުޅެން ބޭނުންނުވާ ކަމަށް ބުނެ، ޓީމުތަކުގެ ކޯޗުން ވަނީ މީގެ ކުރިން، ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމަކު، އޭރު މެޗު ޝެޑިއުލަށް ބަދަލު ގެނެވެން ނެތީ، ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތު ކުރަމުންދާތީވެ، ސްޕޯޓްސް މިނިސްޓްރީން ރޭގަނޑު މެޗުތައް ކުޅެން އެފްއޭއެމަށް ހުއްދަ ދީފައިނުވާތީ އެވެ.
އެހެން ނަމަވެސް، މުބާރާތުގެ ފުރަތަމަ މެޗު މިއަދު ކުޅުނު ފަހުން، ސްޕޯޓްސް މިނިސްޓްރީން ރޭގަނޑު މެޗުތައް ކުޅެން ހުއްދަދިނުމާ އެކު، އެފްއޭއެމް އިން ވަނީ، މެޗު ޝެޑިއުލަށް ބަދަލު ގެނެސްފަ އެވެ. އެ ގޮތުން، މިއަދު ހަވީރު ކުޅެން އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗު މިހާރު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
އެފްއޭއެމް އިން ބުނީ، ފުރަތަމަ ނެރުނު ޝެޑިިއުލްގައި، ހެނދުނު 8 ޖަހާއިރު ފަށަން އޮތް މެޗުތައް ދެން ކުޅޭނީ ހަވީރު 4 ޖަހާއިރު ކަމަށެވެ. އަދި ހަވީރު 4 ޖަހާއިރު ކުޅެން އޮތް މެޗުތައް ކުޅޭނީ ރޭގަނޑު 9 ޖަހާއިރު ކަމަށެވެ.
ނަވާރަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް މިހާރު ކުރިއަށްދާއިރު، މި މުބާރާތުގެ ތެެރެއިން، ގައުމީ 20 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު އެކުލަވާލާނެ އެވެ. އެއީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށެވެ.
އެފްއޭއެމް އިން މީގެ ކުރިން ބޭއްވި އެއްވެސް ޔޫތު ޗެމްޕިއަންޝިޕް ލެވަލްގެ މުބާރާތެއްގެ މެޗުތައް، ހެނދުނު ކުޅެފައިނުވެ އެވެ. މީގެ ކުރިން، 16، 19 އަދި 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް މެޗުތައް މުޅިން ކުޅެފައިވަނީ، ހަވީރާއި ރޭގަނޑު އެވެ. ހެނދުނު ގަޑީގައި ކުޅެފައި ވަނީ، އިންޓަ ސްކޫލްގެ މެޗުތައް އެކަންޏެވެ.












