ޗެކް ރިޕަބްލިކްގައި ފަސިންޖަރުން އަރުވައިގެންދިޔަ ރޭލަކާއި މުދަލާއެކު ދަތުރުކުރި ރޭލެއް އެކްސިޑެންޓުވެ، ހަތަރު މީހުން މަރުވެއްޖެ އެވެ.
މި ހާދިސާގައި ފަސިންޖަރުން އަރުވައިގެންދިޔަ ރޭލުގައި 300 އަށްވުރެ ގިނަ މީހުން ތިއްބެވެ.
އެ އެކްސިޑެންޓުގައި ފަސިންޖަރުން އަރުވައިގެން ދިޔަ ރޭލުގައި ތިބި 24 މީހަކު ޒަހަމްވިއިރު، ބައެއް މީހުންގެ ހާލު ސީރިއަސް އެވެ.
މުދާލާއެކު ދަތުރުކުރި ރޭލުގައި ކެމިކަލް ކެލްސިއަމް ކާބައިޑް ހުރި ނަމަވެސް، ހާދިސާގައި އެއްވެސް ލީކެއް ވެފައެއް ނުވެ އެވެ.
ޗެކް ރިޕަބްލިކްގެ ބޮޑުވަޒީރު ޕީޓާ ފިއަލާ ވަނީ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ޒަހަމްވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
މިކަން ހިނގައިދިޔަ ގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ޗެކް ރިޕަބްލިކްގެ ސަރުކާރުން ވަނީ ބުނެފަ އެވެ.










