ބޮއިންގެ ސްޓާލައިނާ ސްޕޭސް ކެޕްސިއުލް އެންމެ ފަހުން ކްރޫއިންނާއެކު ޖައްވަށް އިއްޔެ ފޮނުވާލައިފި އެވެ.
މި ސްޕޭސް ކެޕްސިއުލްގައި ކްރޫއިންގެ ގޮތުގައި ބައިވެރިވެފައި ވަނީ ނާސާގެ ދެ އެސްޓްރޮނޯޓުން ކަމަށްވާ ބެރީ ވިލްމޯ އަދި ސުނީތާ ވިލިއަމްސް އެވެ.
މިޝަންގައި ހިމެނޭ ސުނީތާ ދަތުރުކުރީ ޕައިލެޓެއް ގޮތުގަ އެވެ. އަދި ބެރީ ދަތުރުކުރީ ކޮމާންޑާއެއް ގޮތުގަ އެވެ.

ޖައްވަށް ފޮނުވާލި މި ސްޕޭސް ކެޕްސިއުލް ވަނީ 12 ވަރަކަށް މިނެޓު ތެރޭގައި އޯބިޓަށް ގޮސްފަ އެވެ. އަދި ކުރިއަށް އޮތް ގަޑިއިރު ތަކުގެ ތެރޭގައި މި ކެޕްސިއުލް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިއީ ތާރީހުގައި ފުރަތަމަ ފަހަރަށް ވިޔަފާރީގެ އުސޫލުން އުފެއްދި ކެޕްސިއުލެއްގައި އިންސާނުން ދަތުރުކުރި ފުރަތަމަ ކެޕްސިއުލް އެވެ.

ޖައްވަށް ދިޔަ ނާސާގެ ދެ އެސްޓްރޮނޯޓުން -- ފޮޓޯ: ގެޓީ
މި ކެޕްސިއުލް ހޮނިހިރު ދުވަހު ޖައްވަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް، ފޮނުވާލަން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައާއެކު ވަނީ ކެންސަލް ކޮށްފަ އެވެ.
މީގެއިތުރުން މިދިޔަ މަހު މި ކެޕްސިއުލް ޖައްވަށް ފޮނުވާލަން ކަނޑައެޅި ދުވަހު ފޮނުވާ ނުލެވުނީ ވެސް ދިމާވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެންނެވެ. ނަމަވެސް ޖައްވަށް އެންމެ ފަހުން މި ކެޕްސިއުލް ފޮނުވާލީ ދިމާވި ހުރިހާ މައްސަލައެއް ހައްލުކޮށްގެންނެވެ.
ނާސާއިން އަންނަނީ ބޮއިންގެ އިތުރުން ސްޕޭސް އެކްސްއާ ޕާޓްނާޝިޕް ހަދައިގެން އެކި ދިރާސާތައް ހެދުމަށް އެސްޓްރޮނޯޓުން ޖައްވަށް ފޮނުވުމަށް މަސައްކަތް ކުރަމުންނެވެ.










