ތަނެއްގައ ހަމަޖެހުން ގާއިމުވާނީ އެ ބައެއްގެ ތެރޭގައި އަހުލާގީ މިންގަނޑު ރަނގަޅު ހޮތުގައި ހިފެހެއްޓިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ސަނާބިލް އިމާރާތުގެ ފައިސާ ހޯދުމަށް ސުކޫކް ވިއްކުން އިފްތިތާހް ކުރަން ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ އެންމެން ވެސް ބޭނުންވާ ބަދަލަކީ އިސްލާމީ ރިވެތި އަސޫލުތަކުގެ މަތީގައި ބިނާވެފައި ތިބި ދަރީންތަކެއް ދިވެހި މުޖުތަމައުއިން ފެނުން ކަމަށެވެ.
"ތަނެއްގައި ހަމަޖެހުން ގާއިމުވާނީ އެ ބައެއްގެ އަހުލާގީ މިންގަނޑު ރަނގަޅު ގޮތުގައި ހުރެގެން، ރަނގަޅު އަހުލާގެއްގެ މަތީގައި އަޅުގަނޑުމެންނަށް ދެމިތިބެވިގެން ނޫނިއްޔާ ތަނެއްގައި ސުލްހަވެރިކަން ވެސް އަދި އަމާންކަން ވެސް އަދުލުވެރިކަން ވެސް ގާއިމު ކުރެވިގެން ހިނގައިދާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެންމެ މުހިންމު ކަމަކީ މުޖުތަމައުގައި ހަމަޖެހުން ގާއިމު ކުރުންކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއަކީ ގައުމު ހަމަ މަގަށް އެޅުވުމުގައި ރާއްޖެއަށް އެންމެ މުހިންމު އެންމެ އަގުހުރި ހިދުމަތްތަކެއް ކޮށްދެވޭނެ އެއް މުއައްސަސާ ކަމަށެވެ.
އެގޮތުން އެމަނިކުފާނު ވަނީ އިސްލާމިކް ޔުނިވާސިޓީން ދަސްވެނިވި ދަރިވަރުން މިހާރު ވެސް މުޖުތަމައުގައި ދައްކަމުން ގެންދާ ނަމޫނާއަށް މިސާލު ޖައްސަވައިފަ އެވެ.

"މި ހިޔާވަހިކަމުގެ ދަށުން ނުކުންނެވި ދަރިވަރުންގެ ނުވަތަ މިއަދު އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަހުލާގުގެ ރިވެތިކަން، ސައްތައިން ސައްތަ މުސްލިމު ދިވެހި މި ގައުމުގައި އަޅުގަނޑުމެން ބޭނުންވެގެން މިއުޅޭ އެންމެ މުހިންމު ބަދަލަކީ މި މުޖުތަމައު އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ބިނާވެފައި ތިބި ދަރިންތަކެއް ފެނިގެންދިޔުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމްގެ ވާހަކަކޮޅުގައި ވަނީ އިސްލާމިކް ޔުނިވާސިޓީ ކުރިއެރުވުމަށް މި ސަރުކާރުގެ ފުރިހަމަ އެއްބާރަުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.













